ހަބަރު

ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. މިއީ މިހާތަނަށް ޝަރީއަތް ނިމެންދެން ބަންދުކުރި ހަތަރުވަނަ ބޭފުޅާ އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް މިއަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މީގެއިތުރުން ފަނޑިޔާރު އަލީ ހަމީދާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެއިތުރުން ވެސް މިއަދަށް ގިނަ ބޭފުޅުންތަކެއް ބަންދު މަޖިލިސް ވަނީ ތާވަލުކޮށްފަ އެވެ. މާދަމާއަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާތީ އެ ގަރާރުގެ ދަށުން ހައްޔަރުކުރި ބޭފުޅުންގެ ބަންދު ދަނީ އިތުރުކުރަމުންނެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލާގައި ހަސަން ސައީދުގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފަ އެވެ. ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރެ އެވެ. ހަސަން ސައީދުގެ މައްޗަށް އެ ދައުވާކުރަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ބުނެ އެވެ. އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހަސަން ސައީދު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަނެވެ. ނަމަވެސް ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވަ އެވެ. އޭގެފަހުން އޭނާ ހޯދުމަށް ވެސް ފުލުހުން އިއުލާންކުރި އެވެ. ނަމަވެސް ފުލުހަށް ހާޒިރުވެފައެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަޔާނުގައި ބުނީ ހަސަން ސައީދު ހުސައިން ދިރިއުޅޭގެ ބަލާފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000 (ތިންލައްކަ ފަސްސާސް ހާސް ރުފިޔާ) އާއި 3300 (ތިންހާސް ތިން ސަތޭކަ ޑޮލަރު) ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކޮޓަރިތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ.