އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައްޔިތުންނަށް ކަންތައްތައް ވަރަށް ބޮޑަށް އޮޅުވާލަމުން ކަމަށާއި އެކަން ހުއްޓުވައި މައިތިރި ކުރެވޭނީ ގާނޫނުތައް ހަދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ. މޫސައަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ މެމްބަރެއް ވެސް މެއެވެ.
ޕީއެސްއެމް އިން ގެނެސްދޭ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވި މެމްބަރުންތަކެއްގެ ގޮނޑި ގެއްލުމުންް އިދިކޮޅު އެމްޑީޕީން އެކަމާ އުޅުމަކީ ބޮޑު އޮޅުވައިލުމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ސުޕްރީމްކޯޓަށް ދާ ނަމަވެސް ދާންޖެހޭނީ ޕީޕީއެމުން ކަމަށެވެ.
"ރައްޔިތުންނަށް ކަންކަން އޮޅުވަމުން ގެންދާ ވަރު މިއޮތީ ފެންނަން. ދެން ގާނޫނަކުން ނޫންތޯ މިކަން މައިތިރިކުރަން ޖެހޭނީ،" އެންޓި ޑިފެކްޝަން ގާނޫނާ ބެހޭ ގޮތުން ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވިއެވެ.
ދާދި ފަހުން ފާސްކޮށް ތަސްދީގު ކުރި އެންޓި ޑިފެކްޝަން ގާނޫނަށް އިދިކޮޅުން އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަނީ ކުރީގެ ތާރީހެއްގައި ހިނގާފައިވާ ކަމަކަށް ފިޔަވަޅު އެޅޭ ގޮތަށް އެގާނޫނު ހަދާފައި ވުމުންނެވެ. އެގޮތުން ފާއިތުވި އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހުގެ ތާރީހު ގާނޫނުގައި ވަނީ ލިޔެ ފާހަގަކޮށްފައެވެ.
އެކަން އެހެން ކުރި ކުރުމާ މެދު ސުވާލު ދެންނެވުމުން މޫސާ ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު ހަދަން ޖެހުނު ސަބަބަކީ ވެސް ސުޕްރީމްކޯޓުން އެ ތާރީހުގައި ނިންމި ނިންމުން ކަމަށެވެ.
"އެމީހުން އެކަން ނުކުރި ނަމަ މިގާނޫނު ހަދާކަށް ވެސް ނުޖެހުނީސް. ސުޕްރީމްކޯޓުން އަމުރެއް ވެސް ނުނެރުނީސް،" ޕީޕީއެމްގެ ނިންމުމާ ހިލާފަށް ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ސޮއިކުރި މެމްބަރުންނަށް އިޝާރާތްކުރައްވައި މޫސަ ވިދާޅުވިއެވެ.