ސީރިޔާ

ސީރިޔާގެ ސްކޫލަކަށް ބޮން އަޅައި 16 ކުދިން މަރާލައިފި

ސީރިޔާ ސަރުކާރަށް މަދަދުކުރާ ބާރުތަކުން އެ ގައުމުގެ ސްކޫލަކަށް ބޮން އަަޅައި 16 ކުޑަކުދިންނާއި ހަތަރު މީހުން މަރާލައިފި އެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަަމަށްވާ ސީރިއަން ސިވިލް ޑިފެންސްއާ ހަވާލާދީ ރޮއިޓާސް ބުނީ ކަފްރު ބާތިޚު ނަމަކަކަށް ކިޔާ އަވަށުގެ ސްކޫލަށް ދިން ހަމަލާގައި މަރުވި ކުދިންނަކީ ހޯމަ ދުވަހު އެހެން ސްކޫލަކަށް ދިން ހަމަލާއަކުން ސަލާމަތްވެގެން އައިސް ތިބި ކުދިން ތަކެއް ކަމަށެވެ.

ސީރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ބުނީ ކަފްރު ބާތިޚުގައި ދިން ހަމަލާގައި އެއަދަށް ކުދިން މަރުވި ކަމަށެވެ. އަދި ބުނީ ހަމަލާގައި މަރުވި ކުދިންނާއި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ 15 މެމްބަރުން ހިމެނޭ ކަމަށެވެ.

ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމައިގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރި ވަނީ ރަޝިޔާ އާއި އީރާނާއި އީރާނުން މަދަދުދޭ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިންނެވެ. ކަފްރު ބާތިޚުގެ ސްކޫލަަށް މިއަދު ހަމަލާ ދިނީ މީގެ ތެރެއިން ކޮން ބައެއް ކަމެއް އަދި ނޭނގެއެވެ.

ހޯމަ ދުވަހު ދިން މިފަދަ ހަމަލާއެއްގައި ސްކޫލެއްގެ ބިންގަރާހުގައި ތިބި 15 ކުއްޖަކާއި ދެ އަންހެނުން މަރައިލިއެވެ.

ސީރިޔާގައި ހަނގުރާމަ ފެށުނީ 2011 ވަނަ އަހަރު އެގައުމުގެ ރައީސްް ބައްޝާރުލް އަސަދާ ދެކޮޅަށް އަޑު އުފުލަން ބޮޑެތި ޝަހަރުތަކުގެ މަގުތަކަށް ނުކުތް ރައްޔިތުންގެ ތެރެއިން އެތައް ހާސް މީހުންނެއްގެ ގަޔަށް ބައްޝާރުގެ ސިފައިން ބަޑިޖަހައި މަރައިލުމުންނެވެ. އެހިސާބުން އާއްމުން ހަތިޔާރު އުފުލައި އެކި ޖަމާއަތްތައް ހަދައިގެން ކުރި ހަނގުރާމައިގައި 2015 ވަނަ އަހަރާ ހަމައަށް އައި އިރު އަސަދުގެ ބާރު އޮތީ ވަރަށް ކުޑަވެފައެވެ. އޭނާގެ ސަރުކާރުގެ ބާރު އަލުން ގަދަވީ ރަޝިޔާއާއި އީރާނުން ހަނގުރާމައިގެ ތެރެއަށް ވަނުމުންނެެވެ. އެދެގައުމުން ވަނީ އަސަދާ ދެކޮޅު ބާރުތަކުން ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ވަނީ ހިންގާފައެވެ.

ހަނގުރާމައަށް ހަތް އަހަރު ވީއިރު ސޫރިޔާގެ ބައި މިލިޔަނަށް ވުރެ ގިނަ ރައްޔިތުން މަރުވެ، އެތައް މިލިޔަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.