ހަބަރު

ނަދީމް ކޯޓުގައި ހަ ގަޑިިއިރު!

Mar 21, 2018
7

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރީ މިއަދު ހަވީރު 5:30 ގަ އެވެ. ނަމަވެސް މިހާތަނަށް އެ މަޖިލިސް ފަށާފައެއް ނުވެ އެވެ.

ނަދީމްގެ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ކޯޓުން ނަދީމް އިންނަވާތާ ހަ ގަޑިއިރުވީއިރު އޭނާއަށް ކާނެ އެއްވެސް އެއްޗެއް ފުލުހުން ދީފައިނުވާ ކަމަށެވެ. އޭގެ ސަބަބު އޮޅުންފިލުވުމުން "ދޫނިދޫއިން ގެނައީ ރަނގަޅަށް ކާންދީގެން" ކަމަށް ފުލުހުން ބުނާ ކަމަށް މަހުފޫޒް ވިދާޅުވި އެވެ. މަހުފޫޒް ވިދާޅުވީ ފުލުހުން އަމަލުކުރަނީ ވަރަށް ލާއިންސާނީކޮށް ކަމަށެވެ.

ނަދީމްގެ އިތުރުން މިއަދު ހަވީރު ކޯޓަށް ގެނައީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ކުރީގެ ސީޕީ އަހުމަދު އަރީފެވެ.

އޭގެތެރެއިން ސިޔާދާއި ފާރިސްގެ ބަންދު މަޖިލިސް ވަނީ ނިންމާލާފަ އެވެ. އެ ދެ ބޭފުޅުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. މިހާރު ކުރިއަށް ދަނީ އަރީފުގެ ބަންދު މަޖިލީހެވެ. ސިނާން މިހާރު ވަނީ އަނބުރާ ދޫނިދޫއަށް ގެންގޮސްފަ އެވެ. ސިނާންގެ ވަކީލް ވިދާޅުވި ގޮތުގައި ސިނާންގެ ބަންދު މަޖިލިސް ކެންސަލްކުރީ މިރޭ އެ މަޖިލިސް ބާއްވަން ވަގުތު ނެތުމުންނެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ނަދީމާއި އަރީފާއި ސިނާން އަދި ފާރިސްއަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ. ސިޔާދަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.