ހަބަރު

މީ ހިތްދަތި ދުވަހެއް، ދުއާއަކީ ދެ އަޚުންނަށް އިންސާފު ލިބުން: ފާއިޒު

Mar 22, 2018
9

މިއަދަކީ ހިތްދަތި، ކަޅު ދުވަހެއްގެ ގޮތުގައި މިހާރު ޖަލަށްލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއެކު އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނަ ސިފަކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމުމުން ބަންދުކުރި ހަބަރާއެކު ފާއިޒްގެ ޝުއޫރުތައް ފޭސްބުކްގައި ބަންޑުން ކޮށްލައްވަމުން ވިދާޅުވީ މިއީ ހިތްދަތި ދުވަހެއް ކަމަށެވެ. އަދި އެ ހަބަރު ވިދާޅުވާން އެމަނިކުފާނަށް ފަސޭހަފުޅު ނޫން ކަމަށެވެ.

"މިއީ އެކުގައި މަސައްކަތް ކުރެއްވި ދެ އަޚުންގެ މައްޗަށް ވައްޓާލެވުނު ބަނަ ކަޅު ވިލާގަނޑެއް،" ފާއިޒް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި އެކުގައި މަސައްކަތް ކުރެއްވިއިރު ވެސް އެ ބޭފުޅުންގެ ހިޔާލު އެއްގޮތް ނޫންކަން ފާހަގަކުރައްވާ ފާއިޒް ވިދާޅުވީ، "ކޮންމެ ކަމެއްގައި ވެސް ހިޔާލު ތަފާތުވެ ދެބަސްވާން ޖެހުނު، އެކަމަކު ވެސް ހިތްވަރުކޮށް މަސައްކަތް ކުރެވޭތޯ ބެލީ، އަދުލުވެރި އިންސާފުވެރި ޝަރުއީ ނިޒާމެއް ބިނާ ކުރެވޭތޯ،" ކަމަށެވެ.

"ދުއާއަކީ އިންސާފުވެރި ޝަރީއަތެއް މިންވަރު ކުރެއްވުން،" ފާއިޒްގެ ފޭސްބުކް ޕޯސްޓް ނިންމަވާލެއްވި އެވެ.

އިންތިގާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން އަބްދުﷲ ސައީދު ކުރައްވައި ފަހުން ސުޕްރީމް ކޯޓު ދާއިމީ ވެގެން އައިއިރު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގެންނެވީ ފާއިޒެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމުންތަކުގައި އެ ދެ ބޭފުޅުންގެ ރައުޔު އެއްގޮތްވެފައިވަނީ މަދު ފަހަރަކު އެވެ. ގިނަ ފަހަރަށް މައްސަލަތައް ނިމިފައިވަނީ ފާއިޒްގެ ރައުޔަށް އަގްލަބިއްޔަތު ނުލިބި އެވެ.

ފަހުން ފާއިޒް ސުޕްރީމް ކޯޓުން ވަނީ ވަކިކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުން ނިންމި އެ ނިންމުމާއެކު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ސައީދު ވަޑައިގެންނެވި އެވެ. އެކަންކަމާ ގުޅޭ ގޮތުން ނުވަތަ އަބްދުﷲ ސައީދާ ގުޅޭ ގޮތުން މިވީހާ ދުވަހު ފާއިޒް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް މިއަދު ފުރަތަމަ ފަހަރަށް ހިތުގެ ޝުއޫރުތައް ބަންޑުންކޮށްލެއްވީ އެވެ.