އަބްދުއްރަހީމް އަބްދުﷲ

އަދުރޭ ދެ ފްލެޓް ބައްލަވައިގަތް މައްސަލަ އޭސީސީން ބަލަނީ

Mar 22, 2018
10

މާލޭގައި ހުރި އެންމެ އަގު ބޮޑު ފްލެޓްތަކުގެ ތެރޭގައި ހިމެނޭ "ރެހެންދި 6" އިމާރާތުގެ ފްލެޓްތަކުގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ގެ ދެކަނބަލުން އެއް ފަހަރާ ނުވަ މިލިއަން ރުފިޔާ ދެއްކުމަށް ފަހު ދެ ފްލެޓު ބައްލަވައިގެން މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝާން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު ވިދާޅުވީ އަބްދުއްރަހީމްގެ ދެކަނބަލުން ފްލެޓް ބައްލަވައިގަތް މައްސަލަ އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ހިއްސާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ގަތް ފްލެޓަށް އެއް ފަހަރާ ފައިސާ ދައްކާ ހަލާސް ކުރުމުން، ރަޖިސްޓްރީ ކަންތައްތައް ނިންމުމަށް އެ ފްލެޓްތަކުގެ ވެރިފަރާތް "ޑައިން މޯ ޕްރައިވެޓް ލިމިޓަޑަށް" އެފްޑަބްލިއު ކޮންސްޓްރަކްޝަން އިން ފޮނުވާފައިވާ ދެ ސިޓީ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދިޔައީ އޭކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެއް ފަހަރާ ފައިސާ ދައްކާ ހަލާސް ކުރަން އެ ފައިސާ ހޯދީ ކިހިނެތް ސުވާލު އުފެއްދި އެވެ.

އެ ދުވަސްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި އަދުރޭ ވަނީ ފްލެޓު ބައްލަވައިގަތް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އެކަންކޮށްފައި ވާނީ ރަނގަޅަށް ކަމަށާއި ފޮރުވައިގެން އުޅެން ޖެހޭ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މިއަދު އަދުރޭގެ ބަހެއް މި ކަމުގައި ލިބޭ ގޮތެއް ނުވި އެވެ.