ހަބަރު

ފުރިހަމަ ޑިކްޓޭޓާޝިޕަކަށް ރާއްޖެ ބަދަލުވެއްޖެ: ނަޝީދު

Mar 22, 2018
12

ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ އޭގެ ބޭނުމެއް ދެން އިތުރަށް ނުޖެހޭތީ ކަމަށާއި ރާއްޖެ މިއަދު ވެފައި ވަނީ ފުރިހަމަ ޑިކްޓޭޓާޝިޕަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު 12:00 އިން ފެށިގެން ކުއްލި ނުރައްކަލުގެ އުވާލާފައިވާ ކަމަށް ރައީސް އޮފީހުން އިއުލާން ކުރުމާ ގުޅިގެނެވެ. މިއަދު އެ ހާލަތު ނިމުމަކަށް ގެނައިރު ކުއްލި ހާލަތުގެ ސުންގަނޑި މިރޭ އިރާކޮޅަށް ނިމޭނެ އެވެ.

ނަޝީދު މިއަދު ވިދާޅުވީ ރައީސް ޔާމީނަށް ކުއްލި ނުރައްކަލުގެ ހާލަތު ބޭނުމެއް ޖެހިވަޑައި ނުގަންނާނެ ކަމަށާއި އެމަނިކުފާނު ވަނީ ގާނޫނުތަކުގެ ބޭރުން އެތައް ބަޔަކު ހައްޔަރުކޮށް، އާ ވައްތަރެއްގެ އާންމު ހާލަތެއް ނެރެފައި ކަމަށެވެ. އެއީ ފުރިހަމަ ޑިކްޓޭޓާޝިޕެއް ކަމަށާއި ނަމަވެސް ދުލެއް ނުދީ އަދިވެސް ކުރިޔަށް ގޮސް އެކަމުން އަރައިގަންނާނެ ކަމަށެވެ.

ރައީސް ނަޝީދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފެބުރުއަރީ 5 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ މަހު 20 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައި ވަނީ އެ މުއްދަ ޖުމުލަ 45 ދުވަހަށް ދަންމާލި އެވެ.

މިއަދު ކުއްލި ނުރައްކަލުގެ ހާލަތަށް ނިމުން ގެނައި އިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުން އިއްޔެގެ ނިޔަލަށް ދޫކޮށްލައި ބައެއް ފަރާތްތައް ކޯޓަށް ހާޒިރުކޮށް އެފަރާތްތަކުގެ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ޑެޕިއުޓީ ލީދަރު އަބްދުﷲ ރިޔާޒާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި މެންބަރު އަބްދުﷲ ސިނާނާއި މެންބަރު އިލްހާމް އަހުމަދު ހިމެނެ އެވެ.