ވިޔަފާރި

"އޯބައިކް" ހިދުމަތް ރާއްޖޭގައި ފަށަނީ

Mar 24, 2018
9
އޯބައިކް ބޭނުންކުރާނެ ގޮތުގެ ވީޑިއޯއެއް

ޖީޕީއެސް ހިދުމަތުން ޓެގްކޮށް، އަދި ޖިއޯ ފެންސިން އިން "ތަޅުއަޅުވާފައިވާ" ސިންގަޕޫރުގެ "އޯބައިކް" ހިދުމަތް ރާއްޖޭގައި ފަށަން ތައްޔާރު ވެއްޖެ އެވެ.

"އޯބައިކް މޯލްޑިވްސް" ގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ އަންނަ މަހުގެ ފަހުކޮޅު ރާއްޖެއަށް މި ހިދުމަތް ތައާރަފު ކުރާނީ 200 ބައިސްކަލްއާއެކުގައި ކަމަށާ މީގެ މަގުސަދަކީ ވެހިކަލްތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުން ކަމަށެވެ.

"މި ހިދުމަތަކީ ސިންގަޕޫރުގައި ވަރަށް މަގުބޫލު ހިދުމަތެއް. މި ހިދުމަތް ފުރަތަމަ މި ފަށަނީ ވިލިމާލޭގައި. އޭގެ ފަހުން ގްރޭޓާ މާލެ ސަރަހައްދަށް ފުޅާ ކުރާނީ އަޅުގަނޑުމެންގެ މަގުސަދަކީ ހުޅުމާލެ ތަރައްގީ ވެގެން އަންނައިރު އެތަނުގައި ވެހިކަލް މަދު ކުރުން. ސައިކަލްތައް މަދުކުރުން. ޓްރެފިކް ހައްލެއް ހޯދައި ދިނުން. ހެލްތީ ފައިފް ސްޓައިލްއެއް ޕްރޮމޯޓް ކުރުން،" އޮފިޝަލް ވިދާޅުވި އެވެ.

ސިންގަޕޫރުގައި މަގުބޫލު މި ހިދުމަތަކީ ޔޫރަޕާއި އޭޝިޔާގެ ގިނަ ގައުމުތަކާއި ދެކުނު އެމެރިކާގައި ވެސް ބޭނުންކުރާ ހިދުމަތެކެވެ.

"ޝެއައިން ބައިކް" ގެ ނަމުން މަގުބޫލުކަން ހޯދާފައިވާ "އޯބައިކް" ގެ ހިދުމަތް ލިބޭނީ ފޯނަށް ހާއްސަ އެޕެއް އަޅައިގެންނެވެ. މި ބައިސްކަލް ކޮންމެ ތަނެއްގައި ވެސް ބެހެއްޓޭނެ އެވެ. އަދި މި ހިދުމަތް ފަރުމާކޮށްފައި ހުންނަނީ ބައިސްކަލްގައި ހަރުކޮށްފައި ހުންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން މީގެ ތަޅު ހުޅުވޭ ގޮތަށެވެ. އަދި މި ބައިސްކަލްގެ ހަރަކާތްތައް މި ހިދުމަތް ދޭ ކުންފުންޏަށް ވަގުތުން ވަގުތަށް ޖީޕީއެސް މެދުވެރިކޮށް ފެންނާނެ އެވެ.

އޯބައިކްގެ އޮފިޝަލް ވިދާޅުވީ މި ހިދުމަތް ހޯދުމަށް ފީއެއް ނަގާނެ ކަމަށެވެ. ނަމަވެސް މި ހިދުމަތް ހޯދަން ދައްކަން ޖެހޭނީ ކުޑަ އަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޕަށް ޑިޕޮސިޓްކޮށްގެން ދުއްވޭނީ. ވަރަށް ކުޑަކޮށް އަގުތައް ހުންނާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތް ފަށަނީ ބައިސްކަލް ދުއްވާ މީހާ އާއި ބައިސްކަލް އިންޝުއަ ކޮށްގެން ކަމަށެވެ. އަދި ބައިސްކަލްތައް މަރާމާތު ކޮށްދިނުމުގެ ހިދުމަތް ވެސް ހުޅުމާލޭގައި ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ތާޑް ޕާޓީ އިންޝުއަރެންސްވެސް އަދި މީހަވެސް އިންޝުއަކޮށްފައި ހުންނާނީ،" އޮފިޝަލް ވިދާޅުވި އެވެ.

"އޯބައިކް" ހިދުމަތް ފަރުމާކޮށްފައިވަނީ ބައިސްކަލް ދުއްވައި ނިމުމުން މަގުގެ ކައިރީގައި ބަހައްޓާލާފަ ދާ ގޮތަށެވެ. މިއީ ބައިސްކަލް ބަހައްޓަން ވަކި ސިސްޓަމެއް ބޭނުންވާ ހިދުމަތެއް ނޫނެވެ. މި ހިދުމަތް ފަރުމާކޮށްފައިވަނީ "ޖިއޯފެންސިން" މެދުވެރިކޮށް ތަޅު އެޅުވޭ ގޮތަށެވެ. ޖިއޯފެންސިންގެ ހިދުމަތް ބޭނުން ކުރުމުން ބައިސްކަލް ބޭނުންކުރެވޭނީ ހަމައެކަނި އެ ދުއްވަން ކަނޑައަޅާފައިވާ ހުޅުމާލޭގައި އެކަންޏެވެ.