1 ފެބުރުއަރީގެ އަމުރު

1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރާކަށް ނުޖެހޭ: ސަރުކާރު

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ތަންފީޒުކުރަންޖެހޭ ކަމެއް ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލުމާ ގުޅިގެން، އިންޑިއާއިން ނެރުނު ބަޔާނުގައި ވަނީ އެކަމަށް މަރުހަބާ ކިޔައި، 1 ފެބުރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލާފަ އެވެ.

އެކަމަށް ރައްދު ދިނުމުގެ ގޮތުން މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ.

އެއީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ހިމެނޭ އިދިކޮޅު ލީޑަރުންގެ މައްސަލަ އަލުން ބެލޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށް ކަނޑައަޅާފައިވާ ބަޔާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ ބާރު ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައިވާ ބައި ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާތީ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައިވާ ބައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ވަގުތީ އަމުރަކުން ސަސްޕެންޑްކޮށްފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަމުރުގެ ބައިތައް ބާތިލުކޮށް ސަސްޕެންޑްކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށްފަހު އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގެ ބާރުތައް ވެސް ކަނޑުވާލި އެވެ.

ސަރުކާރުން ބުނަނީ އެކެއް ފެބްރިއަރީގެ އަމުރަކީ ގައުމަށް ބަޣާވާތެއް ގެންނަން ނެރުނު އަމުރެއް ކަމަށެވެ. އަމުރު ނެރުއްވުމުގައި އިސްކޮށް ތިއްބެވި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޕީޖީން ވަނީ ދައުވާ ވެސް ކޮށްފަ އެވެ. އެ ދެ ބޭފުޅުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މީގެ އިތުރުން ކުރީގެ ރައީިސް މައުމޫން އަބުދުލްގައްޔޫމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއިއިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމަށް ވެސް ވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އެކި ދައުވާތައްކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.