އެމްއެންޑީއެފް

ސިފައިންގެ ބަޑި މުބާރާތް ފަށައިފި

Mar 24, 2018

ސިފައިންގެ ބަޑި މުބާރާތް، މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތަށީގެ ބަޑި މުބާރާތުގެ މި އަހަރުގެ މުބާރާތް ފަށައިފި އެވެ.

މޭޖާ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގެ ހިދުމަތުގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ، ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރެއްވި އޮފިސަރެކެވެ.

ބަޑި މުބާރާތް ފެށީ ސިފައިންގެ އަސްކަރީ ތަމްރީނުތައް ހަދާ މަރުކަޒު، ގިރިފުށީގައި މިއަދު ހެނދުނު އެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އޭނާ ވަނީ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ވެސް ދެއްކެވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ސިފައިންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް ތަމްރީންތަކުގެ މުހިންމުކަމާއި ސިފައިންގެ ބަދަހި ލަޝްކަރުން ގައުމަށް ފޯރުކޮށްދޭ ހިދުމަތަށް އަޅި އަޅުވައިލެއްވި އެވެ.

ބަޑި މުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ބަޑި ޖެއްސެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނެވެ.

އަންނަ މަހު ފަސްވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މުބާރާތުގައި ސިފައިންގެ 21 ޔުނިޓަކުން ބައިވެރިވެފައި ވެއެވެ.