ދުނިޔެ

ލާސެންބީ އައިސްގަނޑު 2020 ގައި ވިރި ހުސްވާނެ: ނާސާ

May 17, 2015

އައިސް ޝެލްފް ތަކަކީ ބޮޑެތި ގްލޭޝިއާ (ގަނޑުފެނުގެ ފަރުބަދަތައް) ރައްކާތެރިކޮށްދޭ، ފެންމަތީގައި އޮންނަ ގަނޑުފެންގަނޑެކެވެ. އައިސް ޝެލްފްތަކާއި ނުލައި ގްލޭޝިއާތައް ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް އޮޔާގޮސް ވިރިގެންދާލެއް މާ ބޮޑަށް އަވަސްވާނެ އެވެ.

އެންޓާޓިކާގެ "ލާސެން-ބީ" ގެ ނަމުން ނަންދެވިފައިވާ އައިސް ޝެލްފްގެ ބާކީ އޮތްބައި ވެސް އިސާހިތަކު ވިރިގެން، ފުނޑުފުނޑުވެގެން ހިނގައިދާނެކަން ނާސާގެ ފަހުގެ ދިރާސާއަކުން ވަނީ ހާމަވެފައެވެ.

ނަވާރަސަތޭކެ ނުވަދިހަ ފަސް ވަނަ އަހަރުގެ ޖެނުއަރީ މަހު މި އައިސް ޝެލްފުގެ ބޮޑުމިނުގައި 4445 އަކަމޭލު ހުއްޓެވެ. އަދި 2002 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބެލިއިރު އެ ވަނީ 2573 އަކަމޭލަށް ކުޑަވެފައެވެ. އަދި އޭގެ މަހެއް ފަހުން 1337 އަކަމޭލަށް ކުޑަވެފައި ވެއެވެ. މިހާރު މި އައިސް ޝެލްފުގެ ބޮޑުމިނަކީ 618 އަކަމޭލެވެ. މިއީ މާލެވަރުގެ 276 ރަށް އެއްކޮށްލީމާ ވާ ވަރުގެ ބޮޑުމިނެވެ.

ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީގެ ޓީމަކުން ކުރި ދިރާސާތަކަށްފަހު ބުނެފައިވަނީ މި އައިސްޝެލްފް ވިރިގެންދާ ގޮތް ދިރާސާ ކުރުމުން ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދާ ވަރަކަށް ދެކުނު ތަނޑީގައިވާ ގަނޑުފެނުގެ ބައްރު ވިރިގެން ދާނެގޮތް ދެނެގަންނަން ފަސޭހަ ވާނެ ކަމަށެވެ. އަދި މި ގަނޑުފެންތައް ވިރިގެންދާތަން އެންމެ ކައރީން ބަލާލުމަކީ ސައެންޓިފިކް ގޮތުން އާ ކަންތައްތަކެއް އެނގިގެންދާ ކަމަކަށްވިޔަސް، މިއީ އަހަރެމެންގެ ޕްލެނެޓަށް ހިތާމަވެރި ޚަބަރެއް ކަމަށް އެ ޓިމުން ބުންޏެވެ. 

ދިހަހާސް އަހަރުވީ އައިސް ގަނޑެއް 2020 ވަނަ އަހަރުގެ ނިޔަލަށް ފުނޑުފުނޑުވެ، ވިރިގެންދާނެ ބުނުމުން އެއީ މާބޮޑު ކަމެއްހެން އިޙުސާސް ނުވާނަމަ މިގޮތަށް ވިސްނާލާށެވެ. އިންސާނުން ތާރީޚު ޖަހަން ފެށިފަހުން އަދި ވީ އެންމެ ދެހާސް އަހަރެވެ. މި އައިސްގަނޑު އުފެދިފައި އޮންނަތާ ދިހަ ހާސް އަހަރު ވެއްޖެއެވެ.