ހަބަރު

މަގު ތަރައްގީކުރަން ސްޓޭޖު ރޫޅާލައި ގަސްތައް ނަގައިފި

މާލޭ އިރުމަތީ ފަރާތުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އެޅުމަށް ހެންވޭރު އާޓިފިޝަލް ބީޗުގެ ސްޓޭޖު ރޫޅާލައި، އެ ސަރަހައްދުގައި ހުރި ގަސްތައް ނަގައިފި އެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެގެ މަސައްކަތް ނިމުމުގެ ކުރިން މާލެ ކޮޅުން ބްރިޖަށްދާ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައި ތަރައްގީ ކުރުމަށެވެ. އެގޮތުން ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމަޔަށް ތާރު އަޅައި ތަރައްގީ ކުރާނެ އެވެ.

އެގޮތުން މިހާރު ވަނީ ސްޓޭޖު ދަގަނޑު ފްރޭމްތައް ނަގައިފަ އެވެ. އަދި ކޮންކްރީޓު ބައި ވެސް ތަޅާލާނެ ކަމަށް ބެލެވެ އެވެ. އާޓިފިޝިއަލް ބީޗް ސަރަހައްދުގެ ބޭރު ފާރު މިހާރު ވަނީ ތަޅާލައިފަ އެވެ. އަދި އެ މަގުގެ ބީޗު ފަޅީގައި ހުރި ބޮޑެތި ގަސްތައް ވެސް ނަގަން ވަނީ ފަށައިފަ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ ހުޅުލެ ގުޅުވައިދޭ ބްރިޖަށް ދާ މަގުގައި 450 ގަސް ޖަހަން ނިންމައިފަ އެވެ.

ބްރިޖަށް ދާ މަގު ތަރައްގީ ކުރުމުގެ ގޮތުން 37 ގާޑިޔާ މާލޭގެ ހަތަރު ސަރަހައްދަކަށް ބަހާލައި، އެތަންތަނަށް ގާޑިޔާތައް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން ކާނިވަލަށް 18 ގާޑިޔާ، މަސްވެރިންގެ މައިޒާނަށް އަށް ގާޑިއާ އާސަހަރާ ފުރަގަހަށް އަށް ގާޑިއާ އަދި ރަސްފަންނު ކައިރިން އެސްޓީއޯ ހެޑް އޮފީސް ފުރަގަހުގައި އޮންނަ ހަނި މަގަށް ތިން ގާޑިޔަ ވަނީ ބަދަލުކޮށްފަ އެވެ.