ދުނިޔެ

މިސްރުގެ އިސްކަންދަރިއްޔާގައި ބޮމެއް ގޮއްވާލައި ދެ މީހުން މަރާލައިފި

މިސްރުގެ ދެވަނައަށް އެންމެ ބޮޑު ޝަހަރުކަމަށްވާ އިސްކަންދަރިއްޔާގައި ދިން ބޮމުގެ ހަމަލާއެއްގައި ދެ މީހުން މަރުވެ ހަތަރު މީހުން ޒަހަމްވެއްޖެއެއެވެ.

މިސްރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނީ ބޮމުގެ ހަމަލާ އަމާޒުކުރީ އިސްކަންދަރިއްޔާގެ ސަލާމަތީ ކަންތައްތަކާ ބެހޭ ވެރިޔާ މޭޖާ ޖެނެރަލް މުސްތަފާ އަލް ނިމްރުގެ މޮޓޯކޭޑަށް ކަމަށާއި އެހާދިސާގައި މަރުވި ދެމީހުންގެ ތެރެއިން އެކަކީ ފުލުހެއް ކަމަށާއި ދެވަނަ މީހާއަކީ ޑްރައިވަރެއް ކަމަށެވެ. ނިމްރުގެ މޮޓޯކޭޑަށް ހަމަލާ ދިނީ އިސްކަންދަރިއްޔާގެ ރުޝްދީ ނަމަކަށް ކިޔާ ސަރަހައްދުގައިވާ ހޮޓަލެއްގެ ކައިރިންނެވެ.

މިސްރުގެ އިންޓީރިއާ މިނިސްޓްރީން ބުނީ މިއަދު ދިން ހަމަލާއަކީ ނިމްރު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަަމަށެވެ.

މިސްރުގައި ނުރައްކާތެރި ހަމަލާއެއް ދީފައި މިވަނީ އެގައުމުގެ ރިޔާސީ އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެއިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ރައީސް އަބުދުލް ފައްތާހު އައް ސީސީ ސީނާ ސަރަހައްދަށް ވަޑައިގެންނެވީ އިއްޔެއެވެ. މިސްރުގެ ސީނާ ސަރަހައްދުގައި އިސްލާމިކް ސްޓޭޭޓް (އައިއެސް) އިން ދަނީ މިސްރު ސަރުކާގެ ބާރުތަކާ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އެ ހަނގުރާމައިގައި އައިއެސް ބަލި ކުރުމަށްޓަކައި ބަފާ ޒޯނެއް އުފެއްދުމުގެ ނަމުގައި އާއްމުންގެ އެތައް ގެއެއް މިދިޔަ އަހަރު ތަޅައިލިއެވެ.