މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޔޫއެންގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދާ ޖުމްހޫރީ ޕާޓީން މިއަދު ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު މަޝްވަރާކޮށްފިއެވެ.
ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު އަހުމަދާއި ޑެޕިއުޓީ ލީޑަރު އަބުދުﷲ ކަމާލުއްދީނާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއެވެ. ބައްދަލުވުގައި އެބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ޕާޓީގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު ހައްޔަރުކޮށްފައިވާ މައްސަލަ ހިމެނެއެވެ.
ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ މައްސަލައާ މެދުގައި ވެސް މަޝްވަރާ ކުރެއްވިއެވެ. ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ރާއްޖައި މިހާރު އޮތް މައްސަލަ ހައްލުކުރަން ޔޫއެންގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށް ވަފުދާ ބައްދަލުކުރެއްވި ބޭފުޅުން ވިދާޅުވި ކަމަށެވެ.
ޔޫއެންގެ ވަފުދެއް ރާއްޖެއަށް އައީ ރާޖޭގައި މިހާރު އޮތް ސިޔާސީ ނުތަނަވަސްކަމުގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވުމަށެވެ.
ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީހުން އިއްޔެ ކުރި ޓްވީޓެގައި ބުނެފައި ވަނީ އދ. ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމަކުން ރާއްޖައި ކުރިޔަށް އޮތް ތިން ދުވަހު މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި އެގޮތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އިދިކޮޅު ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. އޭގެ އިތުރުން މަދަނީ ޖަމިއްޔާތަކާ ވެސް ބައްދަލު ކުރާނެ ކަމަށް އދ. އިން ބުންޏެވެ. އދގެ ޕޮލިޓިކަލް އެފެއާޒް އަކީ ގައުމުތަކުގައި ހިނގާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރާ އދ ގެ މައި ޖަމްއިއްޔާ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ފަހުން މިއީ ބޭރުގެ ވަފުދެ ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ. ނަމަވެސް އދ. އިން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ކުރި އަމުރަކާ ގުޅިގެން ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ. އަދި ސަރުކާރުން އެ ހާލަތު އުވާލި ނަމަވެސް ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓްގެ އަމުރަށް ފަހު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަން ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޝްވަރާ ކުރާނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމާ އެކު، އދ ވެސް މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން ވަނީ ބޭރުގެ ފަރާތްތައް ބައިވެރިކޮށްގެން މަޝްވަރާ ކުރަން ދެކޮޅު ހަދައިފަ އެވެ.