ހަބަރު

ސިނގިރޭޓާ ދުރުވަން އެހީވާ ކްލިނިކެއް އައިޖީއެމްއެޗުން ހުޅުވަނީ

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީވާ ކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗުގެ ސީއީއޯ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރު ވިދާޅުވީ ސިނގިރޭޓު ބުއިން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ހުޅުވާ ކްލިނިކްގެ މަސައްކަތް ނިންމާ، އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ހުޅުވާނެ ކަމަށެވެ.

"އެ ހިދުމަތް މިދެނީ އިން ޕޭޝަންޓުންނާއި، އައުޓް ޕޭޝަންޓުންނާއި، އަދި ހާއްސަކޮށް އައިޖީއެމްއެޗުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިނގިރޭޓް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން، އެކަމުން ދުރަށް ދިއުމަށް އަޅުގަނޑުމެން އެހީތެރިވެދިނުމުގެ ނިޔަތުގައި، އެހެންވީމަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުގައި ހިދުމަތް ފަށާނެ ވާހަކަ މިއަދު އަޅުގަނޑު އިއުލާނު ކުރަން،" އޭނާ ވިދާޅުވި އެވެ.

ފަރުހަތު ވިދާޅުވި ގޮތުގައުކްލިނިކުން ހިދުމަތް ހޯދާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި، ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ އަދި ކޮންސަލްޓޭޝަން ލިބިގެންދާނެ އެވެ. އެ ހިދުމަތް ފަށަން ސިއްހީ އެހީތެރިން ވެސް ވަނީ ތަމްރީނުކޮށްފަ އެވެ.

ސްމޯކިން ސެސޭޝަން ކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު ދަމަނަވެށީގައި މިހާރުވެސް އެ ހިދުމަތް ދެއެވެ.