ވިޔަފާރި

އޭޝިޔާއަށް މެކްރޯ ޓެކްނޮލޮޖީ ތައާރަފުކުރި ފުރަތަމަ ކުންފުންޏަށް އުރީދޫ ވެއްޖެ

May 17, 2015

ފޯނުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަކޮށްގެން ބޭނުންކުރާ "އީޒީ މެކްރޯ ޓެކްނޮލޮޖީ" އޭޝިޔާގައި ބޭނުންކުރާ ފުރަތަމަ ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ވެއްޖެ އެވެ.

އުރީދޫ މޯލްޑިވްސްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މެކްރޯ ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ތައާރަފުކުރާ ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ވުމަކީ ފަހުރެއް ކަމަށެވެ.

"މި ހިދުމަތް ފުރަތަމަ ފަހަރަށް އުރީދުން ރާއްޖޭގައި އެކަންޏެއް ނޫން މި ތައާރަފު ކުރަނީ. އޭޝިޔާގައި މި ހިދުމަތް ތައާރަފުކުރާ ފުރަތަމަ ކުންފުންޏަކީ ވެސް އުރީދޫ. މިއީ ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތް ތައާރަފު ކުރުމާއިއެކު ބައިބޯ ހިސާބުތަކަށް ފޯނުގެ ހިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޑިވައިސްގެ ސަބަބުން އިންޓަނެޓް ސްޕީޑް ވަރުގަދަ ވެގެންދާނެ ކަމަށް ވިކްރަމް ފާހަގަ ކުރެއްވި އެވެ.

އުރީދުން ތައާރަފުކުރި "މެކްރޯ ޓެކްނޮލޮޖީ" އަކީ ތިމާވެއްޓާ ރަހުމަތްތެރި ޒީރޯ ކާބަން ފުޓްޕްރިންޓް ޑިވައިސް އެކެވެ. އެންޓަނާ އާއި ފާރުގައިވެސް ފަސޭހަ ކަމާއެކު ހަރުކޮށްލެވޭ މި ޓެކްނޮލޮޖީއަކީ ފޯނުގެ ސިގްނަލް ވަރުގަދަ ކުރުމަށް ބޭނުންކުރާ އާލާތެކެވެ. މި ޑިވައިސް ބޭނުންކޮށްގެން ތްރީޖީ އާއި ފޯޖީގެ ހިދުމަތުގެ ފެންވަރު ވެސް ވަރުގަދަ ވާނެ ކަމަށް އުރީދޫން ބުންޏެވެ.