ދުނިޔެ

ކިމް ޖޮން އުންް މަޝްވަރާއަށް ޗައިނާގައި؟

ޗައިނާގެ ވެރިންްނާ މަޝްވަރާ ކުރެއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެން އުޅުއްވާ ކަމަށް ބެލެވިއްޖެ އެވެ.

ކިމް ބެއިޖިންގައި އުޅުއްވާ ކަމަށް ބެލެވެން ފެށީ އެރަށުގެ ސަލާމަތީ ކަންތައްތައް އާއްމުކޮށް އޮންނަ ވަރަށް ވުރެ ވަރުގަދަ ކުރުމާއި އުތުރުކޮރެއާގެ ވެރިކަން ކުރާ އާއިލާއަށް ހާއްސަ ރޭލެއް އެރަށަށް ގޮސް އޮތުމުން ކަމަށް ބައިނަލް އަގުވާމީ މީޑިއާއަތަކުން ބުންޏެވެ.

ސީއެންއެން ބުނީ އުތުރުކޮރެއާގެ އިސްވެރިން ކުރިން ބެެއިޖިންްއަށް ވަޑައިގެންނެވި ފަހަރުތަކުގައި ތިއްބެވި ތަނެއް ކަަމަށްވާ ޑިއާޔޫޓާއީ ސްޓޭޓް ގެސްޓް ހައުސްގެ ކައިރީގައި ޗައިނާގެ ސަލާމަތީ ބާރުތަކުގެ ގިނަ ބަޔަކު އެބަތިބި ކަމަށާއި އެތަނުގެ ކައިރިއަށް ދިޔަ ސީއެންއެންގެ ކްރޫ އެތަނުން ފޮނުވާލާފައިވާ ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ދުވަސްވަރު އެމެރިކާއާއި އެގައުމުގެ ބައިވެރިންނާއި އުތުރުކޮރެެއާ އަދި ޗައިނާ ބައިވެރިވެގެން މަޝްވަރާ ބައްދަލުވުންތައް ބޭއްވީ ވެސް އެ ތަނުގައެވެ. ސީއެންއެން އިން ބުނީ ޑިއަޔޫޓާއީ ސްޓޭޓްގެސްޓްހައުސް އަށް ދެވެން އޮންނަ މަގުތައް ވެސް ޗައިނާ ފުލުހުން ބަންދުކޮށްފައިވާ ކަމަށާއި އެހެންވެ ޓްރެފިކް ބާރުބޮޑުވެފައިވާ ކަމަށެވެ.

ބެއިޖިންގައިވާ 15 ވަނަ ގަރުނުގެ ބިނާއެއް ކަމަށްވާ ޓެމްޕަލް އޮފް ހެވަން އަށް މޮޓޯކޭޑެއް ދިއުމާ އެކު އެތަން ވެސް ފުލުހުން ބަންދުކުރި ކަމަށް އެތަނުގެ މުވައްޒަފުންނާއި ޓޫރިސްޓުންނާ ހަވާލާދީ ސީއެންއެން ބުންޏެވެ. ޓެމްޕަލް އޮފް ހެވަން އަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެކެވެ.

އިއްޔެ ހެނދުނު ބެއިޖިންއަށް ދިޔަ ފެހިކުލައިގެ މުސްކުޅި ރޭލުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ފެތުރެން ފެށީ އިއްޔެގައެވެ. އުތުރުކޮރެއާގެ ލީޑަރު ނުވަތަ އެގައުމުގެ މަތީފަންތީގެ އެހެން ބޭފުޅަކު ޗައިނާއަށް ވަޑައިގެން އުޅުއްވާ ކަމަށް ބެލެވެން ފެށީ އެހިސާބުންނެވެ. އެއީ ތެދެއް ކަމަށް ވެއްޖެ ނަމަ އެކަމުން ދޭހަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބާއްވަވަން އުޅުއްވާ ބައްދަލުވުމަށް ޗައިނާއިން އެއްބާރުލުންދޭ ކަމެވެ.