ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހު ޔޫރަޕްގެ ބައެއް ގައުމުތަކަށް ދަތުރުފުޅެއް ފަށްޓަވައިފިއެވެ.
ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި އެމަނިކުފާނާ އާއިލީ ގުޅުން އޮންނަ އަހުމަދު ނަސީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ދަތުރުފުޅަކީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިންނާއި އިސް ބައެއް އެހެން ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ދަތުރުފުޅުގައި ލަންކާއިން މިއަދު ފުރާވަޑައިގެންނެވި ކަމަށް ނަސީމްގެ ޓްވީޓުގައި ވިދާޅުވެފައި ވިޔަސް ވަޑައިގަންނަވާނީ ކޮންކޮން ގައުމުތަކަކަށް ކަމެއް ވިދާޅެއް ނުވެއެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ފެށްޓެވުމަށް ފަހު ނަޝީދު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ ބޭސްފަރުވާއަކަށެވެ. އެގޮތުން ފުރަތަމަ ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވާން ފެށުމާއި އެކު އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެން އެގަައުމުގައި އުޅުއްވާތާ މިހާރު ގިނަދުވަސްތަކެއް ވެއްޖެއެވެ.
ސްރީލަންކާގައި ހުންނަވައިގެން އެމަނިކުފާނު ގެންދެވީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ސިޔާސީ މަސައްކަތްތައް ފުޅާދާއިރާއެއްގައި ކުރައްވަމުންނެވެ.