މ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް އޮތް ސަރަހައްދުގަައި ރައްކާތެރިގޮތުގައި ކުނި ނައްތައިލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ބޮޑު މަޝްރޫއެއް އިފްތިތާހުކޮށްފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ބުނީ "މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދާ އެ މަޝްރޫއަކީ ވޯލްޑްބޭންކްގެ ހިލޭ އެހީން ހިންގާ މަޝްރޫއެއް ކަމަށާއި މަޝްރޫއު ހިންގާ ޒޯން ހަތަރެއް އަދި ފަހެއްގައި ހިމެނޭ މ،ފ،ދ ތ. އަދި ލ. އަތޮޅުގައި ކަމަށެވެ. މަޝްރޫއަށް ވޯލްޑް ބޭންކުން 17.5 މިލިޔަން ޑޮލަރުދޭން ވަނީ ހަމަޖެހިފައެވެ.
މަޝްރޫއުގައި އެސަރަހައްދުގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ރަށު ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމުތައް ޤާއިމުކުރާނެއެވެ. ރަށްރަށުން ބޭރުކުރަން ޖެހޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ސަރަހައްދީ މަރުކަޒެއް ވެސް ގާއިމް ކުރާނެއެވެ. ރަށްރަށުން ސަރަޙައްދީ މަރުކަޒަށް ކުނި އުފުލުމަށް ބޭނުންވާ ވަސީލަތްތައްވެސް މަޝްރޫއުގެ ދަށުން ހޯދާނެ ކަަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.
ވަރލްޑް ބޭންކުގެ ލޯނު އެހީގައި 2008 އިން 2016 އަށް ކުރިއަށްގެންދިޔަ "މޯލްޑީވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް" (މެމްޕް) ގެ ދަށުން ނ، ރ، ބ، އަސި ޅ އަތޮޅު (ޒޯން 2) ގަައި ގާއިމްކުރި ސަރަހައްދީ ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަންވެސް މިފަހަރުގެ މަޝްރޫއުން ދޭނެއެވެ. މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ނިންމަން ކަނޑައަޅާފައި ވަނީ 2023 ވަނަ އަހަރުއެވެ.
މަޝްރޫއު އިފްތިތާހު ކުރީ " ސާފު ރާއްޖެ ސަރަހައްދީ މަހާސިންތާ"ގެ ނަމުގައި މ. މުލީގައި ކުރިއަށް ގެންދާ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަައެވެ. މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ.
ރާއްޖޭގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ އިންތިޒާމް ހަމަޖައްސަން ސަރުކާރުންް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.