ވިޔަފާރި

ވީއައިއޭގައި ތެޔޮ ފޯރުކޮށްދޭ އާ ނިޒާމުގެ ހޮޅި އަޅަނީ

  • ފިއުލް ހައިޑްރެންޓްގެ ދިގު ހޮޅިއެއް އަޅާނެ
  • މަޝްރޫއު ގެންދަނީ ޗައިނާ ބީޔޫސީޖީއިން
  • 8.4 ކިލޯ މީޓަރުގެ ހޮޅި އަޅާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތެޔޮ ފޯރުކޮށްދޭ އާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ކުރި އަށް ގެންދާ އާ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ "ފިއުލް ހައިޑްރެންޓް"
ހޮޅި އެޅުމުގެ މަސައްކަތް ކުރަނީ އާ ރަންވޭގެ މަޝްރޫއު ކުރިއަށްގެންދާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މި މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި ސީޕްލޭން އަދި އެޕްރަން ސަރަހައްދަށް ހޮޅި އަޅާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 8.4 ކިލޯ މީޓަރުގެ ހޮޅި އަޅަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަޝްރޫއުތަކުގެ ބޮޑުބައެއް މި އަހަރު ނިންމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.