ރާއްޖެއަށް ވަޑައި ނުގެން އުޅުއްވާ އެއް ސަބަބަކީ ދަރިކަނބަލުންގެ ޖީސީއީ އޯލެވެލް އިމްްތިހާނު ނިމެންދެން ދަރިފުޅުގެ އަރިހުގައި ހުންނަވަން ވައުދުވެވަޑައިގެންފައިވުން ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޭސިއޭ ޕެސިފިކް ސަރަހައްދުގެ ހަރަކާތްތަކަށް ހާއްސަކޮށްފައިވާ "ދަ ޑިޕްލޮމޭޓް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވެސް އެމަނިކުފާނު އެނބުރި ވަޑައިގަންނަވަން މުޅިން ގަބޫލު ނުވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ޕާޓީން ވެސް އަދި އަޅުގަނޑު އެކަން އެގޮތަށް ކުރަން [ރާއްޖެއަށްދާން] މުޅިން ދޫ ނުކުރާހެން. އެމީހުން ބޭނުންވޭ ކަންތައްތައް ރަނގަޅުވެއްޖެކަން ކަށަވަރު ކުރަން. އަޅުގަނޑުގެ ދަރިފުޅުގެ އޯލެވެލް އިމްތިހާނު ވެސް މޭމަހު އެބަ އޮތް. އަދި އަޅުގަނޑު ވައުދުވެފައި އޮތީ އޭނާ އިމްތިހާނު ނިންމަންދެން ހުންނަން،" ނަޝީދު ވިދާޅުވި ކަމަށް ނޫހުގަައި ވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ނޫސްވެރިއެއްގެ މި ސުވާލަށް ޖަވާބު ދެއްވަމުންނެވެ: "މަނިކުފާނަށް ޕާލަމެންޓްގެ މެޖޯރިޓީ އެބައޮތެވެ. މަނިކުފާނު ވަނީ އިންތިހާބެއް ކާމިޔާބު ކުރައްވާފައެވެ. މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެނބުރި ވަޑައިގެންނެވިޔަސް ޖަލަކަށް ނުލާނެ އެވެ. ދެން ވަޑައިނުގަންނަވަނީ ކީއްވެގެންތޯ އެވެ؟"
ޑިޕްލޮމޭޓްގެ ނޫސްވެރިޔާ އަގީބް ޚާން، ނަޝީދަށް މިގޮތަށް ސުވާލު ދެންނެވީ ރާއްޖެއަށް އެނބުރި ވަޑައިގެންނެވިޔަސް ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ ސަރުކާރުން އެމަނިކުފާނު ހައްޔަރު ކުރަންވީ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުވުމުންވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް އެބަ އޮތް ކަމަށް ވިދާޅުވުމުންނެވެ.
"އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑު ޖަލަށް ގެންދާނެ ކަމެއް. އަޅުގަނޑުގެ އެބަ އޮތް ޖަލު ހުކުމެއް. ސުޕްރީމް ކޯޓުުން ވަނީ އެ ހުކުމް ބާތިލުކޮށް ފެބްރުއަރީ އެކެއްގައި އަމުރެއް ނެރެފައި. ދެން ސަރުކާރުން ވަނީ އެކަން އެފުށް މިފުށަށް ޖަހާފައި. އެކަންް ގިނަ ގޮތްތަކަކަށް އެނބުރިއްޖެ. އެކަމަކު ސީރިއަސްކޮށް ވެސް އަޅުގަނޑަކަށް ނުވިސްނޭ އަޅުގަނޑު އެނބުރ ގޮސްފި ނަމަ ރައީސް ޔާމީނު އަޅުގަނޑު ހައްޔަރު ކުރައްވަން ޖެހިވަޑައިގަންނަވަނީ ކީއްވެ ކަމެއް،" ނަޝީދު ވިދާޅުވެފައި ވެއެވެ.