ދުނިޔެ

އިންތިހާބީ ދާއިރާތައް އަލުން ކަނޑައަޅާތީ މެލޭޝިއާގައި މުޒާހަރާ

މެލޭޝިއާގެ އާއްމު އިންތިހާބު ކައިރިވެފައި ވަނިކޮށް، އިންތިހާބީ ދާއިރާތައް އަލުން ކަނޑައަޅަން އިލެކްޝަން ކޮމިޝަނުން ހުށަހެޅުމުން އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށްފި އެވެ.

މެލޭޝިއާގައި 22 އަހަރު ވަންދެން ވެރިކަން ކުރައްވާފައިވާ އަދި މިއަހަރުގެ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ނުކުންނަވާ އުމުރުފުޅުން 92 އަހަރުގެ މަހާތީރު އިސްކޮށް ހުންނަވައިގެން މިއަދު ކުރި މުޒާހަރާގައި އިދިކޮޅުން ތުހުމަތު ކުރީ ދާއިރާތައް ބަދަލުކުރަން އުޅެނީ ސަރުކާރުން އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

މެލޭޝިއާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގު އުޅުއްވަނީ މެލޭޝިއާ ޕާލަމެންޓްގައި އޮތް އަޣުލަބިއްޔަތު ބޭނުން ކުރައްވައިގެން އިންތިހާބީ ދާއިރާތައް އަލުން ކުރައްސަަވަން ކަަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވަނީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރަން ވެރިކަން ކުރާ ކޯލިޝަނަށް ފަސޭހަ ކުރައްވަން ވެގެން ކަމަށް ވެސް ތުހުމަތު ކުރެއެވެ. ނަޖީބު ވިދާޅުވަމުން ގެންދަވަނީ ދާއިރާތައް އަލުން ކަނޑައެޅުމުގެ ޕްލޭނަކީ އިލެކްޝަން ކޮމިޝަނުން މިނިވަން ކަމާއި އެކު އަމިއްލައަށް ނިންމި ނިންމުމެއް ކަމަަށެވެ. އަދި ވިދާޅުވީ އެކަމުގައި ސަރުކާރުގެ އެއްވެސް ދައުރެއް އަދި ސިޔާސީ ނުފޫޒެއް ނެތް ކަމަށެވެ.

ދާއިރާތައްް އަލުން ކަނޑައެޅުމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނަމުން ދަނީ އިލެކްޝަން ކޮމިޝަނުން ރާވާފައި ވަނީ އިދިކޮޅަަށް ތާއީދުކުރާ މީހުން މިހާރުވެސް އިދިކޮޅަށް ގޮނޑި ކާމިޔާބުވެފައިވާ ދާއިރާތަކަށް ލައި، އެކި ނަސްލުތައް މާބޮޑަށް ވަކިވާ ގޮތަށް ހަދަން ކަމަށެވެ. އެހެން ހެދުމުން އާ ގޮނޑިއެއް ކާމިޔާބުކުރަން އިދިކޮޅަށް އުނދަގޫވެ، ޕާލަމެންޓްގެ މެޖޯރިޓީ ހޯދަން އުނދަގޫވާނެ އެވެ.