ދުނިޔެ

މިޔަންމާ ރައީސްކަމަށް ސޫކީގެ އަރިސް ބޭފުޅެއް

މިޔަންމާގެ ނުފޫޒުގަދަ ލީޑަރު އަދި ސްޓޭޓް ކައުންސިލާ އަންސަން ސޫކީގެ އަރިސް ބޭފުޅަކު އެގައުމުގެ ރައީސް ކަމަށް އިސްކޮށްފިއެވެ.

މިޔަންމާގެ ރައީސްކަމަށް އެގައުމުގެ ޕާލަމެންޓުން މިއަދު އިންތިހާބު ކުރި ވިން މިއިންޓް ކުރިން ހުންނެވީ އެޕާލަމެންޓްގެ ރައިސްކަމުގައެވެ. އޭނާ އެމަގާމަށް ވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. އިސްތިއުފާ ދެއްވީ ފާއިތުވި ހަފުތާގައެވެ.

ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ މިއިންޓަކީ މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށް 1988 ވަނަ އަހަރު ސޫކީ މަސައްކަތް ފެށްޓެވި އިރު އޭނާގެ އަރިހުގައި މަސައްކަތް ކުރެއްވި ، ސޫކީގެ ވަަރަށް އަރިސް ބޭފުޅެކެވެ. އޭރުގައި މިޔަންމާގެ އަސްކަރީ ސަރުކާރުން މިއިންޓް ޖަލަށްވެސް ލިއެވެ. ގޭބަންދުގައި 15 އަހަރު ހޭދަކުރެއްވުމަށް ފަހު މިނިވަންވެ ވަޑައިގެެން ދެބޭފުޅުން ވެސް މިޔަންމާ ޕާލަމެންޓަށް އިންތިހާބުވެވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ.

މިޔަންމާގެ ރައީސްކަމަށް އެގައުމުގެ ޕާލަމެންޓުން ބޭފުޅަކު އިންތިހާބު ކުރަން ޖެހުނީ ކުރިން ހުންނެވި ރައިސް ޓިން ޗޯ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

މިޔަންމާގައި 50 އަހަރު ވަންދެން ވެރިކަން ކުރި އެގައުމުގެ އަސްކަރިއްޔާއިން ލިޔެފައިގާ ގާނޫނު އަސާސީ އޮތް ގޮތުން އެގައުމުގެ ރައީސް ކަމަށް ސޫކީއަށް ވަޑައިގެންނެވޭކަށް ނެތެވެ. އެއީ އޭނާ އިނގިރޭސި ރައްޔިތަކާ ކައިވެނި ބައްލަވައިގެންފައި ވާތީއާއި ދެރިކަލުންނަކީ އިނގިރޭސި ރައްޔިތުން ކަމަށް ވާތީއެވެ.

މިޔަންމާ ޕާލަމެންޓުން ސޫކީއަށް ދީފައިވާ މަގާމަކީ ' ސްޓޭޓް ކައުންސިލާ' ކަމުގެ މަގާމެވެ. އެއީ އެގައުމުގެ ގާނޫނު އަސާސީގައި އޮތް މަގާމެއް ނޫނެވެ. ނަމަވެސް އެ މަގާމުގައި ހުންނަވައިގެން މިޔަންމާގެ ވެރިކަން ހަގީގަތުގައި ކުރައްވަނީ ސޫކީއެވެ.

މިޔަންމާގެ ރައީސްކަމަށް ސޫކީގެ އަރިސް ބޭފުޅަކު އިންތިހާބުކޮށްފައި މިވަނީ މިިޔަންމާ ސަރުކާރަށް ބައިނަލް ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެފައިވާ ވަގުތެއްގައެވެ. އެސަރުކާރަށް ފާޑުކިއުންތައް އަމާޒުވީ ރާޚައިން ސްޓޭޓުގައި ބައި މަދު ރޯހިންޔާ ދަރިކޮޅުގެ މީހުނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ސަބަބުންނެވެ. އެގޮތުން ހިންގި ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި އިއްފަތް ފޭރުމާއި ގެދޮރު އެންދުން ހިމެނެއެވެ. އެ ޖަރީމާތަކުން ސަލާމަތްވާން އަށް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ