ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މެދު ސަރުކާރުން އަމަލުކުރާ ގޮތާއި މެދު އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައިި އާދީއްތަ ދުވަހު ފެށި އައިޕީޔޫގެ 138 ވަނަ ޖަލްސާ ނިންމައިލުމުގެ ކުރިން މިއަދު ފާސްކުރި ނިންމުންތަކުގެ ތެރެއިން އެއް ނިންމުމަކީ އެޖަމާއަތުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރާއްޖެއާ ބެހޭ ގޮތުން އެކުލަވައިލި ގަރާރެވެ. އެ ގަރާރުގައި ރާއްޖެއާ މެދު ކަންބޮޑުވާ ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ބަދަލު ކުރުމަށް ރާއްޖެއަށް ގޮވާލާފައި ވެއެވެ. އައިޕީޔޫގެ ކަންބޮޑުވުންތަކަކީ:
12 މެމްބަރުގެންގެ ގޮނޑި ގެއްލުނުކަމަށް ނިންމުން
ޕާޓީ ބަދަލު ކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް މަޖިލީހުންނާއި އިލެކްޝަން ކޮމިޝަނުން އަދި ސަކާރުން ނިންމައިގެން އުޅޭ އުޅުމާ މެދު ގަރާރުގައި ކަންބޮވުން ފާޅުކޮށްފައި ވެއެވެ. ބުނެފައި ވަނީ އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ރާއްޖޭން ބަލަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އައިޕީޔޫއިން އެގޮތަށް ދެކޭ ސަބަބެއް ކަމަށް ބުނެފައި ވަނީ އެ މެމްބަރުން ތިއްބެވި ޕާޓީތަކުން ވަކިވާން ހުށަހަޅުއްވާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހުގެ ކުރިކަން ލިޔެކިއުންތަކުން އެނގޭތި ކަމަށް ވެސް ބުނެގައި ވެެއެވެ.
އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ގަރާރުގައި ގޮވާލާފައި ވަނީ އެ މެމްބަރުންގެ ގޮނޑި ވީ އެންމެ އަަވަހަކަށް އިއާދަކުރުމަށެވެ.
މެމްބަރުންނާ ދެކޮޅަށް ދައުވާތައް ކޮށްފައި ވުން
ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މެމްބަރުންް ވެދެވަޑައިގެންނެވިޔަ ނުދިނުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަނިކޮށް ވެދެވަޑައިގެންނެވި މެމްބަރުންނާ ދެކޮޅަށް ޖިނާއީ ދައުވާތައް ކޮށްފައި ވާތީ އައިޕީޔޫގެ ގަރާރުގައި ކަންބޮވުން ފާޅުކޮށްފައި ވެއެވެ. ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގެެއަށް އެމަޖިލީހުގެ މެމްބަރުންނަށް ކޮންމެ ވަގުތަކުވެސް ވެދެވަޑައި ގެންނެވޭނެ ކަމަށް އެޖަމާއަތުން ދެކޭ ކަމަށެވެ.
އެހެންވެ މެމްބަރުންނާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފައެވެ.
މެމްބަރުންތަކެއް ހައްޔަރުކޮށްފައި ތިބުން
އެކެއް ފެބްރުއަރީ އަމުރާ ގުޅިގެން ރާއްޖޭގައި ހިންގި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހަތަރު މެމްބަރަކު ހައްޔަރުކޮށް އެބޭފުޅުންނާ ދެކޮޅަށް ދައުވާކޮށްފައި ވާތީ ވެސް އައިޕީޔޫގެ ގަރާރުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށް ދައުވާކޮށްފައިވާ މެމްބަރުންގެ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައި ވުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް ގަރާރުގައި ބުނެގައި ވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މެމްބަރުންގެ އިތުރުން ވެސް ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވާތީ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މައްސަލަގައި އައިޕީޔޫން ގޮވާލާފައި ދައުވާ އުފުލާފައިވާ މެމްބަރުންނަށް އިންސާފުވެެރި ޝަރީއަތެއް ލިބިދިނުމަށާއި ޝަރީއަތްތައް އަވަސްކުރުމަށެވެ. އެ މެމްބަރުންގެ ޝަރީއަތް ކުރިއަށްދާ ގޮތް ބަލަން އައިޕީީޔޫއިން އޮބްޒާވަރެއް ރާއްޖެއަަށް ފޮނުވަން ވެސް ވަނީ ނިންމާފައެވެ.
މަދު މެމްބަރުންނާ އެކު ގާނޫނުތައް ފާސްކުރުން
އިދިކޮޅު ގިނަ މެމްބަރުންތަކަކަށް މަޖިލީހަށް ހާޒިރު ނުވެވޭ އަދި ނުވާ ހާލަތްތަކުގައި ވެސް ރައްޔިތުން އެ ނިންމުމެއްގެ މައްޗަށް އަމަލުކުރަން ޖެހޭ ނިންމުންތައް ނިންމާފައި ވުމަކީ ވެސް ގަރާރުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުމެކެވެ. އެގޮތަށް މެމްބަރުން މަޖިލީހަށް ވަޑައިނުގެންނެވޭތީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރަން އޮތް ޕްލެޓްފޯމެއްގެ ގޮތުގައި މަޖިލިސް ބޭނުން ނުކުރެވޭ ކަމުގެ ކަންބޮޑުވުން ވެސް ގާރުގައި ފާޅުކޮށްފަައި ވެއެވެ.
އެ ކަންބޮޑުވުމާ އެކު މަޖިލީހަށް ގޮވާލާފައި ވަނީ ބިލުތައް ފާސްކުރުމުގައި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމަށެެވެ.
އައިޕީޔޫގެ 138 ވަނަ އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު އެވެ.