ދުނިޔެ

ކިމް ޖޮން އުން ދެން ބައްދަލުކުރައްވާނީ ދެކުނުކޮރެއާގެ ރައީސާ

އުތުރުކޮރެއާގެ ލީޑަރުގެ ހައިސިއްޔަތުން ކިމް ޖޮން އުން ބައްދަލުކުރެއްވި ދުނިޔޭގެ ގައުމެއްގެ ފުރަތަމަ ވެރިއަކަށް ވެވަޑައިގެންނެވީ ޗައިނާގެ ރައީސް ޝީޖިންިޕިން އެވެ. ޗައިނާގެ ވެރިރަށް ބެއިޖިންއަށް ކިމް ވަޑައިގެން އެގައުމުގެ ރައީސް ޝީޖިންޕުން އާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިތާ އެއް ދުވަސް ފަހުން ދެކުނު ކޮރެއާއިން މިއަދު ބުނީ ދެކޮރެއާގެ ލީޑަރުންގެ ބައްދަލުވުމެއް އަންނަ އޭޕްރިލްމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަަމަށެވެ.

ދެކުނު ކޮރެއާއިން މިއަދު ބުނީ ކިމް ޖޮން އުންއާއި މޫން ޖައި އިން ބައްދަލުކުރެއްވުންް އޮންްނާނީ ދެކޮޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ޕެންމުންޖޮމް ނަމަކަށް ކިޔާ އަވަށުގައި ކަަމަށެވެ. ބައްދަލުވުމުގެ ތާރީހާ މެދު ދެގައުމުގެ އޮފިޝަލުން އެއްބަސްވެވަޑައިގެންނެވީ އިއްޔެގައި ކުރެއްވި މަޝްވަރާތަކެއްގައެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކިމް ވަނީ ކޮރެއާ ސަރަހައްދުގެ ސުލްހައަށް މަސައްކަތް ކުރައްވަން ވައުދުވެވަޑައިގެންފައެވެ.
ޗައިިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން އިއްޔެ ބުނީ ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިއަ ހަތިޔާރު ނެތް ތަނަކަށް ހެއްދެވުމަށް އޭނާގެ ކާފާފުޅާއި ބައްޕާފުޅު ކުރެއްވި އުއްމީދު ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީން ކިމް ޝީއަށް ދެއްވި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެއްވުމަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ކަށަވަރުކަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ކިމް ވިދާޅުވިއެވެ.

ޝީއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކިމް ވިދާޅުވީ މަޝްރަހު ފިނި ކުރުމަށް އުތުރު ކޮރެއާއިން މިހާރުވެސް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އުތުރުކޮރެއާއިން ކުރާ މަސައްކަތަށް ދެކުނު ކޮރެއާ އާއި އެމެރިކާއިން އެއްބާރުލުން ދީފި ނަމަ ނިއުކްލިއަ މައްސަލަ ހައްލުވާނެ ކަމަށެވެ.


އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާއި އޭނާގެ ވަފުދުން ޗައިނާގެ ވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ޒިންހުއާ ނިއުސް
"އަޅުގަނޑުމެންގެ ބަދަލެއް ނުވާ ނިންމުމަކީ، ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިއަ ހަތިޔާރުން ސަލާމަތްވެފައިވާ ތަނަކަަށް ހަދަން އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ،" ކިމް ވިދާޅުވި ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ.

އުތުރު ކޮރެއާއާ އެމެރިކާ އަދި އެ ގައުމުގެ ބައިވެރިންނާ ދެމެދުު މަޝްރަހު ހޫނުވީ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން އުތުރު ކޮރެއާއިން ގިނަ ނިއުކްލިއަ ޓެސްޓްތަކެއް ކުރުމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ކިމްއާ ބައްދަލު ކުރައްވަން އެއްބަސްވެވަޑައިގެންނެވި ފަހުން މަޝްރަހު ވަނީ ފިނިވާން ފަށާފަ އެވެ.

ޗައިނާއަކީ އުތުރު ކޮރެއާގެ ޒަމާންވީ މިތުރެކެވެ. ނަމަވެސް ޓެސްޓްތައް ކުރުމާ ގުޅިގެން އެމެރިކާއިން އިސްވެ އޮވެ، އދ. އިން އެޅި ދަތިކުރުމުގެ ފިޔަވަޅު އެޅި އިރު ޗައިނާއިން އެއްބާރުލުން ދިނުމުން ދެގައުމުގެ ގުޅުން އޮތީ ކޮންމެވެސް ވަރަކަށް ގޯސްވެފައެވެ.