ވިޔަފާރި

ރާއްޖޭގެ އިންފްލޭޝަން މަތިވުން މަޑު ޖެހިއްޖެ

Mar 31, 2018
2
  • މިދިޔަ އަހަރު ހުރީ 1.3 ޕަސެންޓްގައި
  • މި އަހަރުގެ ޖެނުއަރީ މަހު 1.1 ޕަސެންޓް
  • މަހުން މަހަށް ބަލާއިރުވެސް ވަނީ ދަށްވެފައި

މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން މަތިވި އަދަދު މަޑުޖެހިގެން ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު މިދިޔަ މަހުގެ "އިގްތިސާދީ ރިވިއު" ގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވި މިންވަރު ނުވަތަ
އިންފްލޭޝަން ރޭޓް ހުރީ 1.3 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 1.1 ޕަސެންޓުގައި މަޑު ޖެހިފަ އެވެ.

އެމްއެމްއޭ އިން ބުނީ އިންފްލޭޝަން މަތިވި މިންވަރު މަޑު ޖެހުމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެ އިން ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށްވުމެކެވެ.

"ނަމަވެސް، ދިރިއުޅޭ ތަންތަނުގެ ކުއްޔާއި ދުންފަތުގެ ބާވަތްތަކުގެ އަގުތައް މަތިވުމާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް، ހާއްސަކޮށް ތަރުކާރީގެ އަގު މި މުއްދަތުގެ ތެރޭގައި ވަނީ މަތިވެފަ އެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

އިންފްލޭޝަން ރޭޓް މަހުން މަހަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންފްލޭޝަން ރޭޓް 0.9 ޕަސެންޓްގައި ހުރުމަށް ފަހު މި އަހަރުގެ ޖެނުއަރީ މަހު އިންފްލޭޝަން ރޭޓް މަތިވެފައި ވަނީ 0.3 ޕަސެންޓެވެ. މީގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ ތެރެއިން މަހުގެ ބާވަތްތަކާއި ތަރުކާރީގެ އަގާއި، ދިރިއުޅޭ ތަންތަނުގެ
ކުލި މި މުއްދަތުގެ ތެރޭގައި ކުޑަ މިންވަރަކުން އިތުރުވުން ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.