ވިޔަފާރި

ރިސޯޓު ހަދަން ބޭރުން ގެންނަ މުދާ ރިސޯޓަށް ބާލާނަމަ ފީއެއް ނަގަނީ

Mar 31, 2018
2

ރިސޯޓު ހަދަން މުދާ ގެނެސް ރިސޯޓަށް މުދާ ބާލާނަމަ ހިދުމަތުގެ ފީއެއް ނަގަން ނިންމައި، އެ އުސޫލު އާއްމުކޮށްފި އެވެ.

މާދަމާ އިން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށް ކަސްޓަމްސް އިން އާއްމުކުރި އުސޫލުގައިވާ ގޮތުން މި އުސޫލަށް އަމަލު ކުރާނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ފީއެއް ނަގާނީ އަލަށް ހަދާ ރިސޯޓުތަކާއި މިހާރު ހަދަމުންދާ ރިސޯޓުތަކުގެ ތެރެ އިން ނުހެދި ހުރި ރިސޯޓުތަކާއި މަރާމާތުކުރާ ރިސޯޓު ތަކަށެވެ.

މިގޮތުން ރިސޯޓަށް ބަލާ ބޮޑު ހިލަ އާއި ހިލަވެލި އަދި ސިމެންތި ފަދަ "ބަލްކް ކާގޯ" މުދަލުގެ ހިދުމަތުގެ ފީ މެޓްރިކް ޓަނަކަށް ނުވަތަ ކިއުބިކް މީޓަރަކަށް ދެ އެމެރިކާ ޑޮލަރު (30.84ރ.) މުދަލުގެ ވެރި ފަރާތުން ދައްކަން ޖެހެ އެވެ. އަދި މި ނޫން އެހެނިގެން ބާވަތްތަކުގެ މުދަލަށް މެޓްރިކް ޓަނަކަށް ނުވަތަ ކިއުބިކް މީޓަރަކަށް ފަސް އެމެރިކާ ޑޮލަރު (77.1ރ.) ގެ ފީއެއް ދައްކަން ޖެހެ އެވެ.

މި އުސޫލުގައިވާ ގޮތުން، މި ފީ ދައްކަން ޖެހެނީ މި މުދަލުގެ ޑިކްލަރޭޝަން ނިންމާ ދުވަހު ކަސްޓަމުން ޑިއުޓީ ނަގަން ބޭނުންވާ އެކްސްޗޭންޖް ރޭޓުން ދިވެހި ރުފިޔާއިންނެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މުދަލުގެ ޑިކްލެރޭޝަން ނިންމުމަށްފަހު މުދާ ރިސޯޓަށް ބޭލުމުގެ ހުއްދަ ދެވޭނެ އެވެ. އަދި ބޭރުން މުދާ ގެންނަ އުޅަނދު ރިސޯޓަށް ގޮސް މުދާ ބޭލުމާއި ރަސްމީ ބަނދަރަށް މުދާ ބޭލުމަށްފަހު ރިސޯޓަކަށް ގެންގޮސް ބަލައި ފާސްކުރާ ގޮތަށް ވެސް މުދާ ގެންދިއުމުގެ ހުއްދަ ދެވޭނެ އެވެ. އަދި މުދާ ބޭފުލުގެ ހުއްދަ ދެވޭނީ މި އުސޫލުގައި ބަޔާކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން ކަމަށް ކަސްޓަމުން ބުނެފައިވެ އެވެ.

ރިސޯޓު ހަދަން ގެންނަ މުދާ ރިސޯޓަށް ބާލާނަމަ ފީއެއް ނަގަން ނިންމިއިރު މިހާރު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑެތި މަޝްރޫއު ތަކެއް ދަނީ ހިންގަމުންނެވެ. އަދި މި ފަދަ މަޝްރޫއުތަކަށް ބޭރުން އަންނަ ގިނަ އުޅަނދު ފަހަރު ސީދާ އެ ތަންތަނަށް މިހާރުވެސް މުދާ ބާލަމުން ގެންދެ އެވެ. މި ދައުރު ނިމޭއިރު 50 ރިސޯޓު ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާތަނަށް ވެސް 30 އަށްވުރެ ގިނަ އާ ރިސޯޓު ހުޅުވާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.