ވިޔަފާރި

އެއާޕޯޓު ޑިއުޓީ ފްރީ ފިހާރަތަކުގައި ދިވެހި އުފެއްދުންތަކަށް ހާއްސަ ކައުންޓަރެއް ބަހައްޓަނީ

May 18, 2015

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ހުރި  ފިހާރަތަކުގައި ދިވެހި އުފެއްދުންތަކަށް ހާއްސަ ކައުންޓަރެއް ބަހައްޓަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި ގާއިމް ކުރި އެންޓަޕްރައިސް ޑިވްލޮޕްމަންޓް (އީޑީ) ޔުނިޓު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ސާކް ފަންޑުގެ އެހީގައި ޓްރޭޑް ފެސިލިޓީއެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި ފެސިލިޓީގެ ދަށުން 1200 މެންބަރުންނާއެކު އުފެއްދި ކޯޕަރޭޓިވުން އުފައްދާ ބާވަތްތައް ރާއްޖޭން ފުރާ ޓޫރިސްޓުންނަށް ވިއްކުމަށްޓަކައި އައިއެންއައިއޭގައި ބަހައްޓަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ކޮންމެ ފިހާރައެއްގައި ދިވެހި އުފެއްދުމަށް ހާއްސަ ކައުންޓަރެއް ބަހައްޓަން. އޭގެ މާނައަކީ ކުރިން ނުލިބޭ މާކެޓެއް ލިބިގެން ދަނިއްޔޭ. މިހާރު ހުރި ގޮންޖެހުމަކީ އެ ހަރުތައް ހުސްނުވެ ބެލެހެއްޓުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީ އާއި ސަރުކާރުގެ ވުޒާރާތަކާއެކު ކުރެވުނު މަސައްކަތްތަކުން ބައެއް އެއާލައިންތަކުގައި ދިވެހި އުފެއްދުންތައް ވިއްކަން ބަހައްޓާފައިވާ ކަމަށެވެ.

"މެގަ މޯލްޑިވްސްއިން ވަނީ އެކަން ކޮށްދީފަ. މޯލްޑިވިއަން އިން ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ދަތުރުކުރޭ. އެ ބޭފުޅުން ތިބީ އެކަމަށް ތައްޔާރަށް. ހަމައެހެންމެ ރާއްޖޭން ބޭރަށް ދަތުރުކުރާ އެއާލައިންތަކުގައި ދިވެހި އުފެއްދުންތައް ބެހެއްޓި ދާނެ. ރާއްޖޭގައި ވޯލްޑް ކްލާސް 100 އަށްވުރެ ގިނަ ރިސޯޓު އެބަހުރި. ރާއްޖެއަށް 1.2 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފި. ރާއްޖޭގެ ސުވެނިޔަ މާކެޓުގައި، ރާއްޖޭގެ ސުވެނިޔަ ޝޮޕްތަކުގައި ބޭރުގެ އުފެއްދުންތަކަށް ޖާގަ ދޭންވީ ކީއްކުރަން ތޯ އޭ؟" ސައީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުފެއްދުންތައް ބޭނުންވާ ވަރަށް ނުލިބުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި ބިނާކުރަނިވި ހިޔާލު ތަރައްގީ ކޮށްގެން ކުރިއަށް ދިއުމުންވާ ގޮތް މި ގައުމާއި މުޅި ދުނިޔެ އިން ވެސް ފެންނަން އެބަހުރި ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު، ޗެމްޕިއަން ކުރުވައިގެން ޓޫރިޒަމް ދާއިރާގައި ތިބި ބޭފުޅުން އެ ވިޔަފާރި ފެށި ފަދައިން މިއަދު މި ވަގުތު ކުޑަ ހިޔާލެއް އުފަން ކުރައްވާ!.. އޭރުން މީގެ 10 އަހަރު ފަހުން މި ދުވަސް ފެންނާނީ ވަރަށް އުފާވެރިކޮށް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް މީހުން ގޯސް ހިޔާލު ދީގެން މަގު މައްޗަށް ނެރެން މަސައްކަތް ކޮށްފާނެ ކަމަށާއި، ނަމަވެސް 10 އަހަރު ފަހަތަށް ބަލައިގެން ހިތާމައަކަށް ދާންވި ސަބަބެއް ނެތް ކަމަށެވެ.

"މިހާރު ފައިސާ ލިބޭނެ އިންތިޒާމުތައް މިނިސްޓްރީގެ ތެރެއިން އެބަހުރި. އިނދިކޮޅު ފަރާތްތަކުން ބުނެދާނެ އެއްލައްކަ ރުފިޔާ އިން ކުރާނީ ކީއްތޯ އޭ. އެއްލައްކަ ރުފިޔާ އިން ވެސް ކުރެވޭނެ ކިތަންމެ ކަމެއް އެބަހުރި،" ސައީދު ވިދާޅުވި އެވެ