ދުނިޔެ

އިޒްރޭލުން ޣައްޒާގައި 70 މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ޣައްޒާއާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި އިއްޔެގައި މުޒާހަރާ ކުރި ފަލަސްތީނު މީހުންގެ ގަޔަަށް އިޒްރޭލު ސިފައިން ބަޑި ޖަހައި އޭގެ ތެރެއިން 70 ވަރަކަށް މީހުން ޒަހަމްކޮށްލައިފިއެވެ.

އިޒްރޭލު ސިފައިން މިއަމަލު ހިންްގީ ހުކުރު ދުވަހު އެމީހުން ދިން ހަމަލާތަކުގައި ޝަހީދުވި 15 މީހުންގެ ޖަނާޒާ ކުރިއަށް ދިޔަ ވަގުތުގައެވެ. އެމީހުންގެ ޖަނާޒާގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު ޣައްޒާގެ މަގުތަކަށް ނުކުތެވެ.

ޣައްޒާގެ ރައްޔިތުން ހުކުރު ދުވަހު މުޒާހަރާއަށް ނުކުތީ އިޒްރޭލު އުފެއްދުމަށް ފަލަސްތީނުގެ ބިންތައް ފޭރިގަތުމުން ރެފިއުޖީންނަށްވެފައިވާ ފަލަސްތީނު މީހުން އެނބުރި އެމީހުންގެ ވަޒަނަށް އައުމަށް ފުރުސަތު ދިނުމަށް ގޮވައިލުމަށެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނީ އަންނަ މެއިމަހުގެ 15 ވަނަ ދުވަހާ ހަމައަށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަަމަށެވެ. މެއިމަހުގެ 15 ވަނަ ދުވަހަކީ " ނަކުބާ ދުވަސް" ( ހިތާމައިގެ ދުވަސް) ގެ ގޮތުގައި ފަލަސްތީނު މީހުން ފާހަގަ ކުރާ ދުވަހެކެވެ. އެއީ އިޒްރޭލު އުފެއްދުމަށް ޓަކައި ފަލަަސްތީނުގެ އެތައް ހާސް މީހުންނެއް ގެދޮރުން ނެރެލި ދުވަހެވެ. އެ ޖަރީމާ ހިންގީ 1948 ވަނަ އަހަރުގެ މެއިމަހުގެ 15 ވަނަ ދުވަހުއެވެ.

އެ މުޒާހަރާއަށް ނުކުތް މީހުންގެ ތެރެއިން ބަޔަކު މެރުމަށް ފަހު އިޒްރޭލުން ދެއްކީ އާއްމުކޮށް އެފަދަ ޖަރީމާތައްް ހިންގުމަށް ފަހު ދައްކާ ބަހަނާއެވެ. އެގޮތުން ބުނީ އެމީހުންގެ ގަޔަށް ބަޑި ޖެހީ އިޒްރޭލު ސިފައިންނާ ދިމާލަށް ގާއުކުމުން ކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ ހަމަނުޖެހުންތައް ހިނގީ އިޒްރޭލުގެ ސަބަބުން ކަމަަށެވެ.