ދުނިޔެ

އުތުރުކޮރެއާއަށް މުދާ އުފުލި ބޯޓުތަކާއި ކުންފުނިތައް ބްލެކްލިސްޓް ކޮށްފި

އުތުރު ކޮރެއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ގަރާރުތަކާ ހިލާފަށް އެ ގައުމަށް މުދާ އުފުލައިދިން އާ ގުބޯޓްތަކަކާއި އާގުބޯޓު ދުއްވާ ކުންފުނިތަކަކާއި މީހަކު އދ.ގެ ސަލާމަތީ މަޖިލީހުން ބްލެކްލިސްޓްކޮށްފިއެވެ.

ސަލާމަތީ މަޖިލީހުން ބްލެކްލިސްޓް ކުރީ އެމެރިކާއިން ހުށަހެޅި ލިސްޓެއްގަައިވާ ބޯޓްތަކަކާއި ކުންފުނިތަކަކާއި މީހެކެވެ. އެލިސްޓްގައި ވަނީ 33 އުޅަނދަކާއި 27 ކުންްފުންޏަކާއި ފަރުދެކެވެ. ލިސްޓްގައި ހިމަނާފައިވާ މީހާއަކީ ޗައިނާގެ ސިޔާދަތީ ބާރު ހިނގާ ޓައިވާނުގެ ރައްޔިތެކެވެ. ލިސްޓްގައިވާ 33 އުޅަނދުގެ ތެރެއިން 19 އުޅަނދަކީ އުތުރުކޮރެއާގެ އުޅަނދުތަކެވެ.

އުތުރު ކޮރެއާއިން ބޯޓުދެލި ބޭރުކޮށް، އެ ގައުމަަށް ތެޔޮ އެތެރެ ކުރަން ކަނޑުމަގުން ހިންގާ ސްމަގްލިންގެ ހަރަކާތްތައް ހުއްޓުވަން ކަމަށް ބުނެ އެމެރިކާއިން އެ ލިސްޓް ސަލާމަތީ މަޖިލީހަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެ ލިސްޓްގައިވާ ބޯޓްތަކާއި ކުންފުނިތަކާއި މީހާ ބްލެކްލިސްޓްކުރުން ފަސްކުރަން ޗައިނާއިން މާޗުމަހުގެ ކުރީކޮޅު ހުށަހެޅިއެވެ.

އެމެރިކާއިން ހުށަހެޅި މައްސަލަ ހިފަހައްޓާލީ ކީއްވެ ކަމެއް ޗައިނާއަކުން ނުބުނެއެވެ. ސަލަމަތީ މަޖިލީހަށް ހުށަހަޅާ މައްސަލަތައް އާއްމުގޮތެއްގައި މަޑު ޖައްސާލަނީ އެ މައްސަލައަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ގައުމަކުން ބޭނުންވާ ހާލަތެއްގަ އެވެ. އެގޮތަށް މަޑުޖައްސާލުމަށް ފަހު އަލުން އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެެ އެވެ. އެކަމަކު ޗައިނާއަކީ ވީޓޯ ކުރުމުގެ ބާރު އޮންނަ ގައުމަކަށް ވާތީ މައްސަލަ ބޭރުކޮށްލުމުގެ ބާރު ވެސް އެގައުމަށް އޮތެވެ.

ބްލެކްލިސްޓްކުރި އުޅަނދުތައް ދުނިޔޭގެ ގައުމުތަކުގައި ބަނދަރު ކުރުން މަނާވާނެއެވެ. ލިސްޓްގައިވާ ކުންފުނިތަކަށާއި މީހާއަށް ލިބޭނެ އަދަބަކީ އެސެޓްތައް ފްރީޒް ވުމެވެ.

އެމެރިކާއިން އިސްނަގައިގެން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަަވަޅުތައް އަޅަނީ އެގައުމުން ނިއުކްލިއަ ހަތިޔާރު އުފައްދަން މަަސައްކަތްކުރާތީ އެކަން ހުއްޓުވުމަށެވެ