ދުނިޔެ

ޗައިނާގެ ޖައްވީ މަރުކަޒު މިއަދު ބިމަށް ވެއްޓޭނެ

ޗައިނާއިން ޖައްވަށް ދޫކޮށްލާފައިވާ ސްޕޭސް ލެބް ޓިއަންގޮން 1 މިއަދުގެ ވަގުތެއްގައި ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެެއަށް ވަންނާނެ ކަމަށް ޗައިނާގެ ޖައްވީ އިދާރާއިން ބުނެފިއެވެ.

ޗައިނާގެ ޖައްވީ އިދާރާ " ޗައިނާ މޭނެޑް ސްޕޭސް އެޖެންސީ" އާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ ހޮނިހިރު ދުވަހު ޖައްވީ ލެބް އޮތީ އެޓްމޯސްފިއާ( ދުނިޔެއާ އެންމެ ކައިރިއަށް އޮންނަ ވައިގެ ފަށަލަ)ގެ ބޭރުން 179 ކިލޯމީޓަރު ދުރުގައި ކަމަށެވެ. ލެބް މިއަދުގެ ވަގުތެއްގައި ބިމަށް ވެއްޓޭނެ ކަމަށް ލަފާކުރިޔަސް އެކަންތައް ހިނގާނެ ވަގުތަކާއި ތަނަކާ ބެހޭގޮތުން ޗައިނާގެ ޖައްވީ އިދާރާއަކުންް ވަކި އެއްޗެއް ނުބުނެއެވެ.

ޓިއަންގޮން ކޮންޓްރޯލުން ނެއްޓުނީ 2016 ވަނަ އަހަރުއެވެ. ޗައިނާގެ ޖައްވީ އިދާރާއިން އޭރު ބުނީ އެ ސްޓޭޝަން ޖައްވަށް ފޮނުވި މަގުސަދު ހާސިލުވެފައިވާ ކަމަށެވެ. ސްޓޭޝަން ބިމާ ކައިރިވުމާ ގުޅިން މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖައްވީ އިދާރާއިން އަންނަނީ އެއާ ބެހޭ މައުލޫމާތު ކޮންމެ ދުވަހަކުވެސް އާއްމުކުރަމުންނެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީން ލަފާކޮށްފައި ވަނީ ހޮންްކޮންގް ގަޑިން މިއަދު ހެނދުނު 7:25 ގައި ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ލެބް ވަންނާނެ ކަމަށެވެ.

ސްކޫލު ބަހަކާ ދާދި އެއްވަރުގެ ބޮޑުމިނުގެ ލެބް ދުނިޔޭގެ ވައިގެ ތެރެއަށް ވަނުމާއެކު އޭގެ ބޮޑުބައި އަނދައިގެެން ދާނެއެވެ. ނަމަވެސް ސައިންސް ވެރިން ލަފާކުރަނީ އޭގެ އެތިއެތިގަނޑު ބިމަށް ވެރޭނެ ކަމަށެވެ. އެތަކެތި ބިމަށް ވެރޭ އިރު މީހުން ދިރިއުޅޭ ތަނަކާ ދިމާވެއްޖެ ޖަމަ ބޮޑެތި ގެއްލުންްތައް ލިބޭނެ ކަމުގެ ބިރު އެބަ އޮތެވެ.

ލެބް ދަތުރުކުރަމުންދާ ގޮތަށް ބަލައި އެ ސްޓޭޝަން ވެއްޓޭނެ ކަމަށް ސައިންސްވެރިން ލަފާކުރާ ތަންްތަނުގެ ތެރޭގައި އެމެރިކާއާއި އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ.