ދުނިޔެ

ކަޝްމީރުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި 20 މީހުން މަރުވެއްޖެ

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި އިއްޔެ ހިނގި ބޮޑެތި ހަމަނުޖެހުންތަކެއްގަައި 20 މީހުން މަރުވެ 70 އަށްް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އިއްޔެގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރެއިން 13 މީހުންނަކީ އިންޑިއާ ސިފައިންނާ ހަނގުރާމަކުރި ހަނގުރާވެރިންގެ ބައެއް ކަމަށް އިންޑިއާއިން ބުނެއެވެ. އަދި ބުނީ އެމީހުންނާ ހަނގުރާމަކުރި އިންޑިއާ ސިފައިންގެ ތެރެއިން ތިން މީހަކާއި އާއްމުންގެ ހަތަރު މީހަކުވެސް މަރުވި ކަމަށެވެ.

އާއްމުންގެ ހަތަރުމީހުން މަރުވެ އެތައް ބަޔަކު ޒަހަމްވީ އިންޑިއާ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުަން މަގުތަކަށް ނުކުތް މީހުންގެ ގަޔަށް އިންޑިއާ ސިފައިން ބަޑިޖެހުމުގެ ސަބަބުންނެވެ. އިންޑިއާ ސަރުކާރުން ބުނީ ބަޑިޖެހީ ސިފައިންނާ ދިމާލަށް އެމީހުން ގާއުކުމުންް ކަމަށެވެ.

އިންޑިއާގެ އަތްދަށުން ކަޝްމީރު މިނިވަން ކުރަން ހަނގުރާމަކުރާ ޖަމާއަތްތަކުގެ ހަނގުރާމަވެރިންނަށް އެތަނުގެ އާއްމުންގެ ބޮޑު ތާއީދެއް އޮވެއެވެ. މިފަހަރުގެ ހަމަނުޖެހުންތައް ފެށޫނީ ވެސް އެފަދަ ޖަމާއަތެއްގެ އިސް ލީޑަރަކު އިންޑިއާ ސިފަައިންގެ ހަމަލާއެއްގައި މަރުވުމުންނެވެ. ބުރުހާން ވާނީ ނަމަކަށް ކިޔާ އެމީހާ މަރައިލީ މިދިޔަ 2016 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ކަޝްމީރުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހައިތަނަށް 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިއްޔެއަކީ ކަޝްމީރުގައި މިފަހަރު މުޒާހަރާ ކުރަން ފެށިފަހުން އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެކެވެ؛.