ބޮލީވުޑް

ސަލްމާންގެ ފިލްމު ޕްރިޔަންކާ އަށް ގެއްލުނީ؟

Apr 3, 2018

ހޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ހިންދީ ފިލްމެއް ނުކުޅޭތާ ދެ އަހަރެއްހާ ދުވަސްވެފައިވާއިރު، މިހާރު ކުޅެމުން އަންނަ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ގެ ތިން ވަނަ ސީޒަންގެ ޝޫޓިން ނިންމާލުމަށްފަހު ހޮލީވުޑްގެ ފިލްމުތަކުން ބްރޭކެއް ނެގުމަށްފަހު ހިންދީ ފިލްމުތައް ކުޅެން ވަގުތު ހުސްކުރަން ނިންމާފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި އިންޑިއާ އަށް އައިސް ޕްރިޔަންކާ ވަނީ ހުށަހެޅުން ލިބިފައިވާ ފިލްމުތަކާ ގުޅޭގޮތުން ބައެއް ޕްރޮޑިއުސަރުންނާ މަޝްވަރާކޮށްފަ އެވެ.

ޕްރިޔަންކާ އަށް ހުށަހެޅުން ލިބިފައިވާ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާން ލީޑްރޯލު ކުޅޭ "ބާރަތް" ވެސް ހިމެނެ އެވެ.

އިންޑިއާ އަށް ކުރި ކުރު ދަތުރުގައި ދެން އެންމެ އަވަހަށް ކުޅޭނެ ފިލްމެއް އަދިވެސް ޕްރިޔަންކާ ނުނިންމަ އެވެ. އޭނާގެ ފަރާތުން ވެސް އަދި ކުޅޭނެ ފިލްމަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހިއްސާއެއްނުކުރެ އެވެ.

ނަމަވެސް ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ސަލްމާނާ އެކު ބަތަލާގެ ރޯލު ކުޅެން "ބާރަތް" އިން ލިބުނު ހުށަހެޅުން ޕްރިޔަންކާ އަތުން ވަނީ ގެއްލިފަ އެވެ. އެ ރޯލު ކުޅެން މިހާރު ވަނީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ހަމަޖައްސާފަ އެވެ.

ސަލްމާންގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލެއް ބޮބީ ޑިއޯލަށް ހުށަހެޅި ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. ނަމަވެސް ފިލްމު ޑައިރެކްޓްކުރާ އަލީ އައްބާސް ޒަފަރް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ވަނީ ސަލްމާން ފިޔަވައި މި ފިލްމުގައި ފެނިގެންދާނެ އިތުރު އެހެން ތަރިޔަކު އަދި ހަމަޖައްސާފައިނުވާ ކަމަށެވެ.

ސަލްމާނާ ކެޓްރީނާ ރުޅިވިތާ އެތަކެއް އަހަރެއްވީ ނަމަވެސް، ކެޓްރީނާގެ ފިލްމީ ކެރިއަރު ކޮޅަށް ޖަހައިދޭން އެންމެ ބޮޑު މަސައްކަތެއް ކުރާ ފަރާތަކީ ސަލްމާނެވެ. އޭނާ ވަނީ ކެޓްރީނާ އަށް ބޮޑެތި ފިލްމުތަކުން ފުރުސަތު ހޯދައިދީފަ އެވެ.

އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ ކެޓްރީނާ އާއި ސަލްމާން އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "ޓައިގާ ޒިންދާ ހޭ" އިންނެވެ.

ކެޓްރީނާ މިހާރު "ޒީރޯ" ގެ މަސައްކަތް ކުރަމުން އަންނައިރު، ސަލްމާން އަންނަނީ "ރޭސް 3" ޝޫޓްކުރަމުންނެވެ. އެ ފިލްމުގެ މަސައްކަތް ނިމުމުން އޭނާ "ދަބަންގް 3" ކުޅެން ފަށާނެ އެވެ.