ދުނިޔެ

ރަނިލްގެ އިތުބާރު ނެތް މައްސަލަ ވައްދައި ބަހުސް ފަށައިފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލަ އެގައުމުގެ ޕާލަމެންޓަށް ވައްދައި ބަހުސް ފަށައިފިއެވެ.

ސަންޑޭޓައިމްސް ނޫހުން ބުނީ ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ހުށަހެޅުއްވީ މަހަޖަނާ އެކްސަތު
ޕްރަމޫނާ(އެމްއީޕީ)ގެ ލީޑަރު އަދި ޖޮއިންޓް އޮޕޮޒިޝަން އެމްޕީ ޑިނޭޝް ގްނަވަރުދަނާ ކަމަށެވެ.

ލަންކާ ގަޑިން މިއަދު ހެނދުނު 10.00ގައި ފެށި އެ ބަހުސް މުޅި ދުވަހު ކުރިއަށް ގެންގޮސް ވޯޓަށް އަހާނީ މިރޭ 9:30 ގައެވެ.

ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވެއްދި އިރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން މިހާރު ނިންމާފައި އެ ވޯޓްގައި ބައިވެރި ނުވުމަށެވެ. ނަމަވެސް އިއްޔެއާ ހަމައަށް އެޕާޓީން ބުނަމުން އައީ ރަނިލްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ވޯޓުދޭނެ ކަމަށެވެ. ރަނިލް އިސްތިއުފާ ދެއްވަން ވެސް އެޕާޓީން އެންގި އެވެ. އެސްއެލްއެފްޕީ އިން ވޯޓްގައި ބައިވެރި ނުވާނަމަ، ރަނިލްގެ އިތުބާރު ނެތް ކަމަށް ފާސްވުން ވަރަށް ދުރެވެ.

އެސްއެލްއެފްޕީ އަކީ ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިސްވެ ހުންނަވާ ޕާޓީއެވެ. ލަންކާގައި ފެބްރުއަރީ މަހު ބޭއްވި ލޯކަލްކައުންސިލްތަކުގެ އިންތިހާބު ސަރުކާރަށް ނާކާމިޔާބު ވުމުން ރަނިލް އިސްތިއުފާ ދެއްވަން ސިރިސޭނާ އެންގެވި އެވެ.