ދުނިޔެ

ޒިމްބާބްވޭގެ ރައީސްގެ ފުރަތަމަ ދަތުރުފުޅު ޗައިނާއަށް

ޒިމްބާބްވޭ މިނިވަން ވީއްސުރެ ވެރިކަމުގައި ހުންނެވި ރޮބަޓް މުގާބޭއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އެމާސަން ނަންގަގްވާގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންފި އެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ގްލޯބަލް ޓައިމްސް ނޫހުން ބުނީ ނަންގަގްޗާ ޗައިނާއަށް ވަޑައިގެންނެވީ ހޯމަދުވަހު ކަމަށާއި އެނބުރި ގައުމަށް ވަޑައިގަންނަވާނީ އަންނަ ހުކުރުރުދުވަހު ކަމަށެވެ. އަދި ބުނީ ޗައިނާގެ ރައީސް ޝީޖިންޕިން އިއްޔެގައި ނަންގަގްވާއާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

އިއްޔެގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ބިޒްނަސް ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން ނަންގަގްވާ ވިދާޅުވީ ޒިމްބާބްވޭ މިހާރު އޮތީ ބޭރުގެ އިންވެސްޓްމެންޓްތަކަށަށް ހުޅުވާލާފައި ކަމަށާއި ޗައިނާއާއި އެކު ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ގްލޯބަލް ޓައިމްސް ނޫހުން ބުނީ ނަންގަގްވާގެ ފުރަތަމަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންނެވުމުން ދޭހަވަނީ ވެރިކަން ބަދަލުވިޔަސް ދެގައުމުގެ ގުޅުމަށް އަސަރުނުކުރާކަން ކަމަށެވެ.

ޒިމްބާބްވޭގައި 37 އަހަރަށް ވުރެ ދިގުމުއްދަތަކަށް ވެރިކަން ކުރެއްވި ރޮބަޓް މުގާބޭގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ޗައިނާއިން ދައުރެއް އަދާކުރި ކަމަށް އޭރުގައި އަޑު ފެތުރުނެވެ. މިދިޔަ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހު ޒިމްބާބްވޭގެ ވެރިކަމުން މުގާބޭ އިސްތިއުފާ ދެއްވީ ގައުމުގެ ކޮންޓްރޯލް ސިފައިން އަތުލައި، ވެެރިކަން ކުރާ ޒާނޫޕީއެފް ޕާޓީގެ ކޮންޓްރޯލްވެސް ނަގާފައި ވަނިކޮށެވެ. އެކަމުގައި އިސްކޮށް ހުންނެވި ޖެނެރަލް ކޮންސްޓެންޓިން ޗިވެންގާ ވެރިރަށް ހަރާރޭ ކޮންޓްރޯލް ކުރަން ސިފައިން ފޮނުއްވީ ޗައިނާ ދަތުރުފުޅަކަށް ފަހުގައެވެ. ޗިވެންގާއަކީ މިހާރު ޒިމްބާބްވޭގެ ނައިބު ރައީސެވެ.