ވިޔަފާރި

އާމްދަނީ 1.5 ބިލިއަން ރުފިޔާ، 16.2 ޕަސެންޓް އިތުރުވުމެއް

Apr 4, 2018
2

މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 16.2 ޕަސެންޓް އިތުވުމެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ ކުރިން ލަފާކުރި ވަރަށްވުރެ 23 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިގޮތުން ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 71.2 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 112 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 780 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުން ފެށިގެން ނަގަމުން ގެންދާ ގްރީން ޓެކުހުން އާމްދަނީ ގޮތުގައި 76 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމުގެ ކުލިން ލިބޭ، ޓޫރިޒަމް ލޭންޑް ރެންޓުން އާމްދަނީގެ ގޮތުގައި 323 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި 59 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.