ދުނިޔެ

ސިރިސޭނާ ޕާޓީން ރަނިލްއާ ދެކޮޅަށް ވޯޓުލާނެ

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން އެގައުމުގެ ޕާލަމެންޓަށް މިއަދު ވައްދާ ބަހުސް ކުރަމުން އަންނަ މައްސަލައިގައި ރަނިލްއާ ދެކޮޅަށް ވޯޓުދޭނެ ކަމަށް ރައީސްް މައިތިރިޕާލަ ސިރިސޭނާ އިސްކޮށް ހުންނަވާ ސްރީލަންކާ ފްރީޑަމް ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

އެސްއެލްޕީގެ މެމްބަރުން ކަމަށްވާ ޑިލަން ޕެރޭރާއާއި ލަކްޝްމަން ޔާޕާއަބޭވަރުދަނާ ކޮލަމްބޯ ގެޒެޓް ނޫހަށް ވިދާޅުވީ ރަނިލްއާ ދެކޮޅަށް ވޯޓުނުލާން ޕާޓީން ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު ހަމަ އެޕާޓީގެ މެމްބަރެއް ކަމަށްވާ އޭއެޗްއެމް ފައުޒީ މިއަދު ހެނދުނު އެނޫހަށް ވިދާޅުވީ ރަނިލްގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓުގައި ވަކިކޮޅަކަށް ވޯޓުނުދޭން ޕާޓީން ނިންމާފައިވާ ކަމަށެވެ.

ޕެރޭރާއާއި އަބޭވަރުދަނާ ވިދާޅުވީ ރަނިލްގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެސްއެލްއެފްޕީގެ ގިނަ މެމްބަރުން ވޯޓުލާނެ ކަމަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލަ އެގައުމުގެ ޕާލަމެންޓަށް ވައްދައި ބަހުސް ކުރަން ފެށީ މިއަދު ހެނދުނު ލަންކާ ގަޑިން 10:00 ގައެވެ. ސަންޑޭޓައިމްސް ނޫހުން ބުނީ ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ހުށަހެޅުއްވީ މަހަޖަނާ އެކްސަތު ޕްރަމޫނާ(އެމްއީޕީ)ގެ ލީޑަރު އަދި ޖޮއިންޓް އޮޕޮޒިޝަން އެމްޕީ ޑިނޭޝް ގްނަވަރުދަނާ ކަމަށެވެ.

ރަނިލްގެ އިތުބާރުނެތްކަމަށް ބުނާ މައްސަލައިގެ ބަހުސް މުޅި ދުވަހު ކުރިއަށް ގެންގޮސް ވޯޓަށް އަހާނީ މިރޭ 9:30 ގައެވެ.