މީހުން

ފިރިހެން ލަތާ އަންސާނާ ބަދިގޭގައި ލަވަކިޔަމުން ކައްކަނީ

ބައެއް ހުނަރުވެރިންނަކީ ގެއްލިފައި ތިބޭ މީހުނެވެ. އަނެއްބައި މީހުންނަށް ހުނަރު ދައްކާލާނެ ފުރުސަތެއް ނުލިބެ އެވެ. އަދި ބައެއް ފަހަރަށް އެމީހުންގެ ބަދުނަސީބަކަށްވަނީ އެމީހުންގެ ސިފަ އެވެ. 

މިސާލަކަށް ފިލްމީ ބަތަލް، ކޮޕީ އިސްމާއީލް ރަޝީދު ފިލްމެއް ކުޅޭ ހިތުން ޕްރޮޑިއުސަރެއްގެ ގާތަށް ދިޔައީމަ އޭނާ އަށް ފުރުސަތެއް ނުދިނީ އޭނާ މާ "ކަޅު" ކަމަށް ބުނެ އެވެ. ނިއުސް އެންކަރު، އަލީ ސުލައިމާނު ބުނާ ގޮތުން އޭނާގެ މަސައްކަތަށް ތަޖުރިބާކާރުން ތައުރީފު އޮއްސި ނަމަވެސް ޓީވީއެމްގައި ޚަބަރު ކިޔަން އޭނާ އަށް ފުރުސަތު ނުދިނީ އޭނާ "އަންހެންދުޅާ" ވެފައި އޭނާގެ އަޑު ހުތުރުކަމުންނެވެ. 

އަބްދުﷲ ހަސަން ނުވަތަ އާންމު ނަމުން ނަމަ، އަބުޅޯގެ ވާހަކައިގައި ވެސް ޖެހިފައި ވަނީ ހަމަ މި ކުލަ އެވެ. އުފެދުމުގައި އޭނާގެ ދެ ލޮލުގައި ތަފާތެއް ހުރުމުން ބައެއް މީހުންގެ ކުރިމަތީގައި އަބުޅޯ އެއް ވެސް މީހަކަށް ނުވަނީ އެވެ. ސިފައަށް ބަލައިގެން އޭނާ ކުށްވެރިކޮށް ނިކަމެތިކޮށްލީ އެވެ.

"ހިތްދަތި ދަތުރެއް މިއީ. ވަރަށް ހިތްދަތި. ރުޅި އައިއެސްގެން ނުބައި އެއްޗެހި ކިޔޭހާ ވެސް ހިތްދަތި،" އަބުޅޯ ބުނީ މިހެންނެވެ.

އޭނާގެ ހުވަފެނަކީ މޮޅު ލަވަކިޔުންތެރިޔަކަށް ވުމެވެ. އޭނާ އެނގުމުން އެއީ ލަވަކިޔަން ނުދަންނަ، އަދި އެ ފަންނުގައި ހުނަރެއް ނެތް މީހެކޭ އެކަކު ވެސް ނުބުނާނެ އެވެ.

"އެކަމަކު އެއް ފަހަރަކު ހަފުތާ ނިންމާ ޝޯއަކުން ފުރުސަތު ހޯދައިގެން އަޅުގަނޑު ލަވައެއް ކިޔަން ދިޔައީމަ ބުނީ އަޅުގަނޑު ނުވެޔޭ ފަންނާނަކަށް. މިއީ ދިވެހި ފަންނާނުންގެ ޝޯއެކޭ. އެހެން ކިޔާފައި ފުރުސަތެއް ނުދިން."

އޭގެ ފަހުން ލަވަކިޔުމުގެ ހުނަރު ދައްކާލުމަށް ފާޑުފާޑުގެ އެކި މުބާރާތްތަކުގައި ބައިވެރިވެގެން ވެސް ނަސީބެއް އޭނާގެ އަތަކު ނުހިފި އެވެ. އަމާޒުވީ ފުރައްސާރަ އާއި މަލާމާތެވެ.

ނަމަވެސް އޭނާއާ އެކުގައި އުޅޭ އޭނާގެ އެކުވެރިން މިއަދު އޭނާ ސިފަކުރަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ގޮތުގަ އެވެ.

އަންސާނާ އިހުރު ރިސޯޓްގެ ބަދިގޭގައި ކައްކާއެއްގެ ވަޒީފާ އަދާކުރަމުން އަންނަ 36 އަހަރުގެ އަބްދުﷲ ހަސަނަށް އެންމެން ވެސް ލޯބިން ކިޔައި އުޅެނީ "ލަތާ" އެއެވެ. އެއީ ލަތާގެ އަޑުން ލަވަކިޔަން އޭނާ އަށް އެނގޭތީ އެވެ. 

ބޮލީވުޑުން ލަތާ އަދި މި ރާއްޖެއިން މަންޑޭއެއް ނެގިޔަސް މިއީ އެ ފަންނާނުންނަށް ދޫކުރާވަރުގެ ހުނަރުވެރިއެއް ނޫނެވެ. މޮޅު ކަމަކީ ދެ އަޑުން ވެސް ފަސޭހަ ކަމާއެކު ލަވަކިޔާތީ އެވެ.

ދިވެހި ލަތާގެ ހަޔާތުގެ 30 އަހަރު ފަހަތަށް ޖެހިލާށެވެ.  

އަބުޅޯ އަށް ހަ އަހަރެވެ. އޭރު ވެސް ހިންދީ ލަވައަށް ހަމަ މަރެކެވެ. މަކުތަބުން ނިމިގެން ގެއަށް ދާ މަގުމަތީގައި ވެސް ލަވައެއް އަޑުއަހާ ނުލައި އޭނާ ގެއަކަށް ނުވަދެ އެވެ.

"އޭރު ރަށުގައި ހުންނަ މަކުތަބަށް ދާނީ ތައުލީމު ދިޔާނާ ފޮތަކާއި ލިޔާނެ ފަންސުރެއް ހިފައިގެން އެކަނި. ދެން ކޮންމެ ދުވަހަކު ވެސް މަކުތަކަށް ދިއުމުގެ ކުރިން މަންމަ ދޭނެ ރުފިޔާއެއް،" އެންމެ ކުޑައިރު ލަވަ އާއި މިއުޒިކަށް އުފެދިފައި ހުރި ޝައުގުވެރިކަމުގެ ވާހަކަ ކިޔައިދެމުން އަބުޅޯ ބުންޏެވެ.

"މަކުތަބުން ނިންމާލާފައި ގެއަށް ދާ މަގުމަތީގައި ދިމާ ވާނީ ހޮޅިގަނޑަކުން ލަވަޖަހަން ހުންނަ މީހަކާ. ދެން އަތުގައި އޮންނަ އެއް ރުފިޔާ އޭނާ އަށް ދީފައި 10 ވަރަކަށް ލަވަ އަޑު އަހާލައިގެން ގެއަށް ދާނީ."

ދެން ދުވަމުން ފުމެމުން ނަށަމުން ގޮސް ގެއަށް ވަދެ އުނދޯޏަށް އަރައި އޭތިގަނޑު ހެއްލަމުން އަޑުގެ ކޮޅަށް ލަވަކިޔަން ފަށަނީ އެވެ. ފުރާވަރަށް އެރިއިރު ވެސް ހަމަ މި ތަރުތީބެވެ.

"އޭރު ނިކަން ގަދަ އަށް ލަވަ ކިޔަން. އުނދޯލި ނިކަން ބާރަށް ދެކޮޅަށް ހެއްލަމުން އަޑުން އަޑު ނަގައި ލަވަކިޔުން އޮންނާނީ. ދެން ހިސާބުގަނޑުގެ ކުދިންތައް ވެސް އައިސް ތިބޭނެ އަޑު އަހަން އުނދޯންޏަށް އަރައި. ބައެއް ކުދިން ތިބޭނީ ލަވަ އަޑުއަހައިގެން ނިދިގެން ވެއްޓިފައި،" އަބުޅޯ ކިޔައިދިނެވެ.

 

"އެހެން އުޅެނިކޮށް އުނދޯލީގައި ކުދިންތައް ގިނަވެގެން ގޮސް އުނދޯލި ކަނޑައިގެން ވެއްޓޭ ދުވަސްތައް ވެސް ދޭ."

މިފަދަ ދުވަސްތަކެއްގައި އުޅެނިކޮށް އަނދިރިކަމެއްގެ ތެރެއަށް އަބުޅޯ ވެއްޓުނީ އެވެ.

އޭނާގެ ރަށަށް އައި މާލޭ މީހެއްގެ ލޮލުގައި އޭނާ އަޅައިގަތީ އެވެ. އެ މީހާ އަކީ އާއިލާގެ ރައްޓެއްސެކެވެ. އަބުޅޯގެ އާއިލާ އަށް ވުރެ ތަނަވަސް އާއިލާއަކަށް އަދި މާލޭގެ އާއިލާއަކަށް ނިސްބަތްވި މީހެކެވެ.

އޭރު، އަބުޅޯގެ އާއިލާގައި ފަގީރުކަމުގެ ހާލަތު އޮތް ހިސާބަކީ މާލެއިން އަންނަ މި އަންހެން މީހާގެ ދަރިން ލައި ބާވެފައި ހުންނަ ހެދުންތަކާއި ފައިވާން ނޫން އެއްޗެއް ނުލިބުމެވެ. މާލެ އިން ދިޔަ މި އަންހެން މީހާ އަބުޅޯ ގޮވައިގެން މާލެ ދާން ބޭނުންވީމަ އެކަމަށް ހުރަސް އެޅި މީހެއް ވެސް ނެތެވެ. މާލެ ގެންދިޔައީ ކިޔަވައިދޭނެ ކަމަށް ބުނެ އެވެ.

"ކިޔަވައިދޭށޭ ކިޔާފައި އަހަރެން މާލެ ގެންދިޔައީ. އެކަމަކު އަސްލު އަހަރެން މާލެ ގެންދިޔައީ އަހަރެން ލައްވައި މަސައްކަތްކުރުވަން. މާލެއަށް އައި ގޮތަށް ދެން އާއިލާގެ މާ ބޮޑު އެއްބާރުލުމެއް ވެސް ނުލިބުނު،" އަބުޅޯ ކިޔައިދިނެވެ.

"ދެން އޮންނާނީ އެގޭ ތެރޭގައި ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުން. އެއްޗެހި ދޮވުމާއި ކެއްކުމާއި ފެންބަލާ ދިއުމާއި މިހެން ގޮސް ހުރިހާ ކަމެއް." އޭރު އަބުޅޯ އަށް ގާތްގަނޑަކަށް 15 އަހަރެވެ.

މާލޭގައި އެ ދުވަސްވަރު ގޭގެ އަށް ގޮސް ލަވަކިޔައި މުނިފޫހިފިލުވަން އުޅުނު މިއުޒިކް ގްރޫޕަކަށް އޭނާގެ ލަވަކިޔުމުގެ ހުނަރު ކޮންމެވެސް ގޮތަކަށް އެދުވަސްވަރު އެނގުނެވެ. އެހިސާބުން އެ ގްރޫޕާ ގުޅިގެން ލަވަކިޔަމުން ފޯރި ހިއްޕަމުން މާލެ އިން އައްޑުއަށް، އައްޑުއިން ފުވައްމުލަކަށް އަދި އެހެން ރަށްރަށަށް ވެސް ގޮސް ފޯރި ނެގީ އެވެ.

ނަމަވެސް އަބުޅޯ ހާސިލުކުރަން ބޭނުންވި އުސްމިންތަކަށް ނުދެވި އެ ބޮކި ވެސް ތަޅައިގެން ދިޔައީ އެވެ. ގްރޫޕުގެ މެމްބަރުންނަށް ލިބޭ ލާރިތަކުން އޭނާ އަށްވާ ބަޔަށް ގްރޫޕުގެ ބޮޑު މީހާ ހެދީ ވެސް ހިތަށް އެރި ގޮތެކެވެ.

އެހެންވީމަ އެންމެފަހުން އަބްދުﷲ ހަސަން ބަދަލުވީ ކައްކާ އަކަށެވެ. ކައްކާ މީހެއްގެ ވަޒީފާ އަންސާނާ ރިސޯޓްގެ ބަދިގޭގައި މީގެ ހައެއްކަ އަހަރު ކުރިން އަދާކުރަން ފެށުމުގެ ކުރިން ވެސް އޭނާ ހާލެއްގައި އުޅުނެވެ.

"ހަމަ އެތަން މިތަނުގައި ތެޅި ބޭލީ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުގައި ވެސް ކައްކަން އުޅުނިން. ރިސޯޓްތައް ތަރައްގީ ކުރާ ގްރޫޕްތަކުގައި ވެސް ކައްކާ މީހަކަށް އުޅުނިން. ކުނިކަހައި ތަންތަންފޮޅައި ސާފުކުރާ މީހެއްގެ ވަޒީފާގައި ވެސް އުޅުނިން އެތައް ދުވަހަކު،" އަބުޅޯ ކިޔައިދިނެވެ.

އޭނާ ބުނަނީ ދިރިއުޅުމުގެ މި ހިތްދަތި ދަތުރުގައި ދަސްކުރި އެއްޗެއް ދަސްކުރީ އަމިއްލަ އަށް ކަމަށާއި ދިޔަ ސްކޫލެއް އަދި ކިޔެވި ފޮތެއް ވެސް ނެތް ކަމަށެވެ.

"ސްކޫލަށް އަރައިގެން ދާނެ ބޫޓުގަނޑަކާއި ޔުނީފޯމެއް ނެތް ހިސާބަށް ގޮސް ސްކޫލަށް ދިއުން ހުއްޓާލިއިރު އަޅުގަނޑަކަށް ރަނގަޅަށް ލިޔަން ކިޔާކަށް ވެސް ނޭނގޭ،" އަބުޅޯ ކިޔައިދިނެވެ.

"ދިވެހި ލިޔަން ވެސް މިހާރު އެނގެނީ ރިސޯޓަށް ގޮސް ލިބޭ ހުސް ވަގުތުތަކުގައި ލަވަތައް ދަސްކުރުމަށް ފޮތްފޮތުގައި ލަވަ ލިޔެ ލިޔެ. ހުސް ވަގުތެއް ލިބިއްޖެ ނަމަ އަޅުގަނޑު އިންނާނީ އަބަދުވެސް ކޮންމެވެސް ލަވައެއް ލިޔެލަ ލިޔެލަ. އެހެންވީމަ މިހާރު ސްކޫލަކަށް ގޮސް ކިޔަވައިގެން ނުކުންނަ ކުއްޖަކަށް ވުރެ ރީއްޗަށް ލިޔެވޭނެ."

އަބުޅޯ ބުނަނީ އޭނާގެ ކިބައިގައި ލަވަކިޔުމުގެ ޝައުގުވެރިކަން ކިތަންމެ ބޮޑަސް އަދި ހުނަރު ހުއްޓަސް ލަވަކިޔުމަށް ރަނގަޅު ފުރުސަތެއް ނުލިބެނީ އޭނާ، އޭނާ އަށް ވީމަ ކަމަށެވެ.

"އަޅުގަނޑު ބުނާނީ ހަމަ ފުރުސަތު ނުދެނީޔޭ. ލަވަކިޔާކަށް ދެރައެއް ނުވާނެ އަހަރެން ވަކި އެހެން މީހަކަށް ވުރެ. އަދި ވޮއިސް ޓްރެއިނިން ނެހެދިޔަސް ވޮއިސް ޓްރެއިނިން ހެދި މީހެއްގެ ފެންވަރު ހުންނާނެ އަޅުގަނޑުގެ ކިބައިގައި،" އަބުޅޯ ބުންޏެވެ.

"އެއީ އެ ފެންވަރު އަޅުގަނޑު ހޯދީ އަޅުގަނޑު މިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން އަމިއްލަ އަށް ކުރި މަސައްކަތުން. އަތިރި މައްޗަށް ގޮސް އަޑުގެ ކޮޅަށް ހަޅޭ ލަވައިގެންނާއި އެކަނި ހުންނަ ވަގުތުތަކުގައި ވެސް ލަވަކިޔައި އަމިއްލަ އަށް ތަމްރީން ހަދައިގެން"

"މާފަންނުގައި އުޅުނުއިރު އަތިރި މައްޗަށް ވެސް ދަން ހަމަ ކޮންމެ ދުވަހެއްގެ ފަތިހުހެން. އެއީ ކިޔަން އުދަނގޫވާ ތަންތަންކޮޅު ހަނދާންކޮށްގެން އިތުރަށް ޕްރެކްޓިސް ކުރުމަށް. އެގޮތަށް ލަވަކިޔަން ހުންނައިރު މީހުން ވެސް އެތަނަށް އެއްވެ ބުނާނެ ހާދަހާ ރީއްޗަށޭ ތިޔަ ލަވަކިޔަނީ."

އަބުޅޯ ބުނީ ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އެހަނދާނުގައި ފަދަ ޝޯއަކަށް ލަވައެއް ރިކޯޑްކުރުމަށް ފުރުސަތު ލިބިއްޖެ ނަމަ ވަރަށް ވެސް އުފާވާނެ ކަމަށާއި އެހެން ނަމަވެސް ލަވަކިޔަން ހުސްވުމުގެ ހިޔާލެއް މިހާރަކު ނެތް ކަމަށެވެ.

"ކެއްކުމުގެ ވަޒީފާ ދޫކޮށްލާފައި ލަވަކިޔާކަށް ގަސްދެއް ނުކުރަން މިހާރަކު. ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސައްކަތެއް ކޮށްގެން ލިބޭ އަގެއް ނޫން. އަޅުގަނޑަށް މުހިންމު ވަނީ ހިތްހެޔޮކަމާއި އޯގާތެރިކަން. އެހެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. މީހުން އަޅުގަނޑާ މެދު ދެކޭ ގޮތް އަޅުގަނޑަށް މުހިންމީ."