ދުނިޔެ

80 ބިލިޔަން ފީފާގެ ތެޔޮ ހުރި ތެޔޮވަޅެއް ބަހުރައިނުން ހޯދައިފި

ބަހުރައިންގެ ކަނޑުގެ ސަރަހައްދުން 80 ބިލިޔަން ފީފާގެ ތެޔޮ ހުރި ތެޔޮވަޅެއް ފެނިއްޖެއެވެ.

އެމެރިކާގެ ދެކުންފުންޏަކުން އަލް ޚަލީޖް އަލް ބަޙުރައިން ނަމަކަށް ކިޔާ އުސްގަނޑު ބަލަނިކޮށް ފެނުނު އެ ތެޔެވަޅުގައި 280 ބިލިޔަން ކިއުބިކް މީޓަރާއި 560 ބިލިޔަން ކިއުބިކް މީޓަރާ ދެމެދުގެ މިންވަރެއްގެ ގުދުރަތީ ގޭސް ވެސް ހުރިކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އަލަށް ފެނުނު ތެޔޮވަޅުން ނެގޭނީ ސީދާ ކިހާ މިންވަރެއްގެ ތެޔޮކަމެއް އަދި ނޭނގޭ ކަމަށް އެގައުމުގެ ތެލާ ބެހޭ މިނިސްޓަރު މުޙައްމަދު ވިން ޚަލީފާ އަލް ޚަލީފާ އާ ހަވާލާދީ ބީބީސީ ބުންޏެވެ.

އާ ތެޔޮވަޅުން ނެގޭނެ ސީދާ މިންވަރެއް އަދި ނޭނގުނަސް އެތަނުން ތެޔޮ ނަގަން ފެށުމުން ބަހުރައިނަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ނަގާކިޔާ ގައުމަކަށް ވެގެންދާނެއެވެ. އަލަށް މި ފެނުނު ތެޔޮވަޅާއި އަޅާ ކިޔާ ނަމަ އެގައުމުގައި ކުރިން ހުރި ތެލުގެ ރިޒާވަކީ މާބޮޑު އެއްޗަކަށް ނުވެއެވެ. އެގައުމުގައި ކުރިން ހުރީ އެންމެ 125 މިލިޔަން ފީފާގެ ތެލެވެ. އަދި 90 ބިލިޔަން ކިއުބިކް މީޓަރުގެ ގޭހެވެ.

ބަހުރައިން ސަރުކާރުގެ ނިއުސް އެޖެންސީން ބުނީ އަލަށް ފެނުނު ތެޔޮވަޅުން ކުރިއަށް އޮތް ފަސް އަަހަރު ދުވަހުގެ ތެރޭގައި ތެޔޮނަގަން ފެށޭނެކަމަށް އެގައުމުން ލަފާކުރާ ކަަމަށެވެ.

ބަހުރައިންގެ އަވަށްޓެރިން ކަމަށްވާ ސައުދީ އަރަބިއްޔާއާއި ގަތަރުގައި ތެލާއި ގޭސް އެއަށް ވުރެ މާ ގިނަ މިންވަރަކަށް އެބަހުއްޓެވެ. އެގޮތުންް ސައުދީގައި 266 ބިލިޔަންް ފީފާގެ ތެޔޮ ހުރިކަން ކަށަވަރުކުރެވިފައި ވާއިރު ގަތަރުގައި 24 ޓްރިލިއަން ކިއުބިކް މީޓަރުގެ ގޭސް ހުރިކަން ވެސް ވަނީ ކަށަވަރު ކުރެވިފައެވެ.

ބަހުރައިނުގައިވާ ތެލުގެ ރިޒާވްގެ ކުޑަކަމާއި ތެލުގެ ދުނިޔޭގެ ބާޒާރުގައި ވެއްޓެން ފެށުން ފަދަ ސަބަބުތަކާ ހެދި އެގައުމުން ވަނީ ފަހަކަށް އައިސް އިގުތިސާދު ފުޅާކޮށް އެހެން ދާއިރާތައް ކުރިއަަރުވަން ފަށާފައެވެ. އެގޮތުން މާލީ ދާއިރާއާއި ޓުއަރިޒަމްގެ ދާއިރާގެ މަސައްކަތްތައް އެގައުމުން ވަނީ އިތުރުކޮށްފައެވެ.

ބަހުރައިންގެ ވެރިރަށް މަނާމާގައި އިއްޔެގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޝައިޚު މުޙައްމަދު ވިދާޅުވީ އަލަށް ފެނުނު ޚަލީޖް އަލް ބަހުރައިން އޮއިލްފީލްޑް ތަރައްގީ ކުރުމަށް ނެޝަނަލް އޮއިލް އެންޑް ގޭސް އޮތޯރިޓީން ގަސްދުކުރާ ކަމަށެވެ. އެ ތެޔޮވަޅުގެ ބޮޑުމިނަކީ 2000 އަކަކިލޯމީޓަރެވެ.

" ބަހުރައިން އޮއިލް ފީލްޑް" ނަމަކަށް ކިޔާ ތެޔޮވަޅުން މިހާރު ދުވާލަކު ނަގަނީ 50000 ފީފާގެ ތެލެވެ. އެ ތެޔޮވަޅު ފެނުނީ 1932 ވަނަ އަހަރުއެވެ. އަދި ސައުދީ އަރަބިއްޔާއާ އެކު ހިއްސާލކުރާ އަބޫ ސާފާ އޮއިލްފީލްޑުން ދުވާލަކު 150000 ފީފާގެ ތެޔޮ ބަހުރައިނަށް ލިބެއެވެ.