ދުނިޔެ

ސިއެރަލިއޯންގެ އާ ރައީސް ހުވާކުރެއްވީ ހޮޓަލެއްގައި

ސިއެރަލިއޯންގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ހަނިގޮތަކަށް ކާމިޔާބު ކުރެއްވި ޖޫލިއަސް މާޑާ ބަޔޯ ހޮޓަލެއްގެ ތެރޭގައި މަގާމުގެ ހުވާ ކުރައްވައިފިއެވެ. އޭނާ ހުވައިކުރެއްވީ އިންތިހާބުގެ ނަތީޖާ ފާޅުކުރިތާ ދެގަޑިއިރުވެސް ނުވަނީހެވެ.

ބެލެވޭ ގޮތުގައި މާޑާ ބަޔޯ ހުވާކުރެއްވުން އެހާ އަވަސް ކުރެއްވީ ހުވާ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންފާނެކަމުގެ ބިރަށެވެ. އެހެނީ ސިއެެރަލިއޯން އަކީ ބަޣާވާތްތައް ގިނަ، އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރުން ވެސް ގިނަ ގައުމެކެވެ. އޭނާ އިންތިހާބު ކާމިޔާބުކުރެއްވީ 52 ޕަސެންޓު ވޯޓުންނެވެ.

" މިއީ އާ ޒަމާނަކަށް އަލިވިލުން. މި މަތިވެރި ގައުމުގެ ރައްޔިތުންް ވޯޓުލީ އާ މިސްރާބަކަށް ދިއުމަށް،" ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މާޑާ ބަޔޯ ވިދާޅުވިކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވިޔަސް އޭނާއަކީ ސިއެރަލިއޯންގައި ކުޑަ ދުވަސްކޮޅަކު އަސްކަރީ ވެރިކަމެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އުމުރުފުޅުން 53 އަހަރު ވެފައިވާ މާޑާ ބަޔޯ އަކީ 1992 ވަނަ އަހަރު ސިއެރަލިއޯންގެ ސަރުކާރު ބަޣާވާތަކުން ވައްޓައިލި ސިފައިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ޑިމޮކްރަސީއަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި އޭނާ މަޝްހޫރުވެވަޑައިގެންނެވީ މަދަނީ ސަރުކާރަކަށް ޖާގަ ދިނުމަށް ޓަކައި އިންތިހާބު ބާއްވަން އަސްކަރީ ވެރިން ވެފައިވާ ވައުދު ފުއްދުމަށް 1996 ވަނަ އަހަރު ބާރު އަޅުއްވައި އެ ވެރިކަމާ ދެކޮޅަށް ތެދުވެވަޑައިގެންނެވުމުންނެވެ. އެފަހަރުގެ މަސައްކަތް ކާމިޔާބު ކުރައްވައި އަސްކަރީ ވެރިއެއްގެ ގޮތުގައި އެހަރުގެ ޖެނުއަރީމަހުން ފެށިގެން މާޗްމަހާ ހަމައަށް އޭނާ ވެރިކަން ކުރެއްވިއެވެ. އަދި އެއަށް ފަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަހުމަދު ތިޖާން ކައްބާއާ ވެރިކަން ހަވާލުކުރެއްވިއެވެ.

ދެން އަސްކަރިއްޔާ ދޫކުރައްވައި އެމެރިކާއަށް ވަޑައިގެން ވޮޝިންޓަން ޑީސީގައި ހުންނަ އެމެރިކަން ޔުނިވާސިޓީން އިންޓަނޭޝަނަލް އެފެއާޒްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވިއެެވެ.