ދުނިޔެ

އިޒްރޭލުންް އަނެއްކާވެސް ފަލަސްތީނު މީހުންތަކެއް މަރާލައިފި

އިޒްރޭލު އުފެއްދުމަށް 1948 ވަނަ އަހަރު ގެދޮރުން ބޭރުކޮށްލި މީހުން އަނބުރާ ވަޒަނަށް ގެންދިއުމަށް ގޮވާލައި ޣައްޒާގެ ރަށްބޭަރުގައި ބާއްވަމުން އަންނަ މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ހުކުރުދުވަހު ބަޑި ޖަހައި 10 މީހުން މަރާލައި 1354 މީހުން ޒަހަމްކޮށްލައިފިއެވެ.

އިއްޔެގައި މަރައިލި މީހުންނާއި އެކު ފާއިތުވި ހަފުތާއެއްހާ ދުވަސްތެރޭގައި އިޒްރޭލުން މެރި ފަލަސްތީނުމީހުންގެ އަދަދު މިހާރު ވަނީ 27 އަށް އަރާފައެވެ. ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުމީހުން އަނބުރާ އިއާދަކުރަން ގޮވާލައި " ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ފަލަސްތީނު މީހުން މުޒާހަރާ ފެށީ މިދިޔަ ހަފުތާގެ ހުކުރުދުވަހުއެވެ.

ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ އިއްޔެގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި މަރުވިމީހުންގެ ތެރޭގައި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. އަދި ބުނީ މަރުވިމީހުންގެ ތެރޭގައި މުޒާހަރާ ކަވަކުރަން ގޮަސް ހުރި ނޫސްވެރިއަކުވެސް ހިމެނޭ ކަމަށެވެ. އެ އެޖެންސީން ބުނީ އަމިއްލަ ވަޒަނަށް އަނބުރާ ދިއުމަށް ފުރުސަތުދިނުމަށް ގޮވާލައި ޣައްޒާއާއި އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދުގައި ފެށި މުޒާހަރާއަށް އެންމެ ގިނަމީހުން އެއްވީ އިއްޔެގައި ކަމަށެވެ.