ދުނިޔެ

މެކްސިކޯ ބޯޑަރަށް އެމެރިކާ ސިފައިން ފޮނުވަން ވަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އެދިވަަޑައިގެންނެވި ގޮތަށް އެގައުމާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގަށް " ނެޝަނަލް ގާޑް"ގެ ސިފައިން ފޮނުވުމުގެ މަސައްކަތް ޓެކްސަސް ސްޓޭޓުން ފަށަައިފި އެވެ.

ޓެކްސަސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ޓްރޭސީ ނޯރިސްއާ ހަވާލާދީ ސީއެންއެން އިން ބުނީ، އެ ސްޓޭޓުން ފުރަތަމަ ފޮނުވާނީ 250 ސިފައިން ކަމަށާއި އެމީހުން ބޯޑަރު ސަރަހައްދަށް ދާނީ އަންނަ ހޯމަދުވަހު ކަމަށެވެ. އަދި ބުނީ ކުރަން ޖެހޭ މަސައްކަތްތަކާއި ތިބެން ޖެހޭ ތަންތަން ކަނޑައެޅުމަށް ފަހު އިތުރު ސިފައިން ފޮނުވާނެ ކަމަށެވެ.

ނޯރިސްއާ ހަވާލާދީ ސީއެންއެން ބުނީ މެކްސިކޯ ބޯޑަރަށްދިއުމަށް ޓަކައި މިފެށުނު ހަފުތާގެ ކުރީކޮޅު މަސައްކަތަށް ނުކުތުމަށް އީމެއިލްގެ ޒަރިސްޔާއިން ސިފައިންނަށް އަންގާފައިވާ ކަމަށެވެ.

އެމެރިކާގެ ހުޅަނގު ދެކުނުގައިވާ އަރިޒޯނާ ސްޓޭޓުން ވެސް ބުނީ އެ ސްޓޭޓުން ވެސް ބޯޑަރަށް 150 ސިފައިން ފޮނުވާނެ ކަމަށެވެ.

މެކްސިކޯ ބޯޑަރަށް އެމެރިކާގެ ސްޓޭޓްތަކުން ސިފައިން ފޮނުވަނީ ގަވާއިދާ ހިލާފަށް އެެމެރިކާއަށް އެތެެރެވާ މީހުން އެތެރެވަނީ މެކްސިކޯގެ ތެރެެއިން ކަމަށާއި އެމެރިކާގެ ސަރަހައްދު ހިމާޔަތްކުރުމަކީ ސިފައިން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެކަން އެގޮތަށް ކުރުމަށް ރައީސް ޓްރަމްޕް އެންގެވުމުންނެވެ.

ނެޝަނަލް ގާޑުގެ ސަިފައިން ބޯޑަރަށް ފޮނުއްވަން ޓްރަމްޕް ނިންމެވީ މެކްސިކޯ އާއި އެމެރިކާއާ ދެމެދު ފާރެއްލާން ފައިސާ ހަރަދުކުރަން ބަޖެޓުގައި ހިމަނައި ނުދިނުމުންނެވެ. އެމެރިކާއިން މިއަހަރަށް ކަނޑައެޅީ 13 ބިލިޔަން ޑޮލަރުގެ ބަޖެޓެކެވެ.