ދުނިޔެ

ސޫރިޔާގައި އަނެއްކާވެސް ގޭސް ހަމަލާއެއް، މިފަހަރު 70 މަރު

ސޫރިޔާ ސަރުކާރުން އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އަނެއްކާވެސް ވިހަ ގޭސް ބޭނުންކޮށް 70 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.

މީހުން ސަލާމަތްކުރުމަށް މަސަައްކަތްކުރާ މީހުންނާއި ފަރުވާދޭން މަސަައްކަތްކުރާ މީހުންނާ ހަވާލާދީ ބީބީސީ ބުނީ އިރުމަތީ ޣޫތާގައިވާ ދޫމާ ނަމަކަށް ކިޔާ ރަށުގައި ދިން ހަމަލާގައި ގޭހުގެ އަސަރު ހާހަކަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަަމަށެވެ. ހަނގުރާމައިގައި ޒަހަަމްވާ މީހުންް ހޯދައި ފަރުވާ ދިނުމާއި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރާ "ވައިޓް ހެލްމެޓްސް"ޖަމާއަތުން ވަނީ ގޭސް ހަމަލާގައި މަރުވި މީހުންގެ ހަށިތަކުގެ ފޮޓޯތައް އާއްމުކޮށްފައެވެ. ދޫމާއަކީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމަ އެކަނި ތަނެވެ.

އެޖަމާއަތުން ބުނީ 75 މީހުންގެ "ނޭވާ ހާސްވި"ކަމަށާއި ހާހަކަށް ވުރެ ގިނަ މީހުންނަށް ގޭހުގެ އަސަރުކުރި ކަމަށެވެ. ހާލަތު ބަލަމުން އަންނަ ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި ހަމަލާގައި ބޭނުންކޮށްފައި ވަނީ ސެރިން ގޭހެވެ.

ގޭސް ހަމަލާގައި މަރުވި މީހުންގެ އަދަދާއި މެދު އެކި ޖަމާއަތްތަކުން ދައްކާ ވާހަކަ ތަފާތުވާތީ މަރުވީ ސީދާ ކިތައް މީހުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެގޮތުން ބައެއް ޖަމާއަތްތަކުން ލަފާކުރަނީ މަރުވިމީހުންގެ އަދަދު 180 އަށް އަރާނެ ކަމަށާއި ކެނޑިނޭޅި ހަމަލާދެމުންްދާތި މަރުވި އެންމެންގެ ހަށިތައް އަދި އެއް ނުކުރެވޭ ކަމަށެވެ. މަރުވިމީހުންގެ އަދަދު 70 އަށް ވުރެެ މަދުވާނެ ކަމަކަށް ލަފައެއް ނުކުރެއެވެ.

އަސަދު ސަރުކާރުން މިދިޔަ 2017 ވަނަ އަހަރުގެ އޭޕްރިލްމަހު ވެސް ވިހަ ގޭހުގެ ހަަމަލާއެއް ދިނެވެ. ޚާން ޝައިޅޫން ނަމަކަށް ކިޔާ ރަށަށް ދިން އެހަަމަލާގައި 80 އަށް ވުރެ ގިނަ މީހުން މަަރުވިއެވެ.