ދުނިޔެ

ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު މަރުވެއްޖެ

އެމެރިކާގެ ރަައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ރައީސްކަމަށް އިންތިހާބުވި އިރު ދިރިއުޅުއްވަމުން ގެންދެވި އޭނާގެ އަމިއްލަފުޅު " ޓްރަމްޕް ޓަވާ"ގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްސިޓީގެ މެންހަޓަން ޖަޒީރާގައިވާ އެއިމާރާތުގެ 50 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މަރުވީ ފިރިހެނެއް ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަނިކޮށް ކަމަށް އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުންޏެވެ. ޓްރަމްޕް ޓަވަރަކީ މީހުން ދިރިއުޅޭ އެޕާޓުމަންޓުތަކަކާއި އޮފީސް ތަކެއް ހުންނަތަނެކެވެ. އެތަނުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެއެވެ.

ޓްރަމްޕް ޓަވަރުގައި އަލިފާން ރޯވިތާ ގާތްގަނޑަކަށް 45 މިނެޓް ފަހުން ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލިފާން ނިއްވައިލެވިއްޖެ ކަމަށާއި އެއިމާރާތަކީ ވަރަށް ރަނގަޅަށް އިމާރާތްކޮށްފައިވާ ތަނެއް ކަމަށެވެ. ނަމަވެސް ނިއުޔޯކްސިޓީގެ ފަޔަ ޑިޕާޓްމަންޓްގެ ވެރިޔާ ޑެނިއަލް ނިގްރޯ ވިދާޅުވީ އަލިިފާން އަދި މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އަދި ނުބެލެވޭ ކަމަށާއި އިމާރާތުގެ ތެރޭގައި ބޯކޮށް ދުން އެބަ އޮތް ކަމަށެވެ. ނިއުޔޯކް ފަޔަ ޑިޕާޓްމަންޓުން ބުނީ އެޕާޓްމަންޓުގެ ބޮޑުކަމުންނާއި އަލިފާން ރޯވި ފަންގިފިލާ ހުރިލެއް މަތިކަމުން ، އަލިފާން ނިއްވުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށެވެ.