ވިޔަފާރި

މަަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، 700 ޓަނު އެއް ދުވަހު!

މަަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، އިއްޔެ 700 ޓަނުގެ މަސް ކިރުވައިފި އެވެ. އެއާ އެކު މިފްކޯގެ ފެސިލިޓީތަކަށް ވެސް ވަނީ ބާރުބޮޑުވެފަ އެވެ. އެއާ އެކު ކޮންމެވެސް ވަރަކަށް މަސްވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

"އަވަސް" އާ ވާހަކަ ދައްވަމުން މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ރަމްޒީ އަބޫބަރުކުރު ވިދާޅުވީ ހޮނިހިރު ދުވަހު ކޫއްޑޫ ބަނދަރަށް 400 ޓަނުގެ މަސް ކިރާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ބޯޓު ފަހަރަށް 300 ޓަނުގެ މަސް ހޮނިހިރު ދުވަހު ކިރުވާފައިވާ ކަމަށެވެ. .

"ވޭތުވެދިޔަ ދެ އަހަރު ދުވަހު މަސްވެރިކަން ރަނގަޅު ނުވާ ވަރަކަށް އިރާދުކުރެއްވިއްޔާ ރަނގަޅަށް މިހާރު މަސްވެރިކަން މި އޮތީ، އެކަމަށް އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން،" ރަމްޒީ ވިދާޅުވި އެވެ.

މަސްވެރިކަން ރަނގަޅުވުމާއެކު މިހާރު އެވްރެޖު ގޮތެއްގައި ދޯންޏަކުން 15 ޓަނާއި 43 ޓަނުގެ މަސް ކިރުވަ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް "އަވަސް" އަށް މިއަދު ވިދާޅުވީ މަސްވެރިކަން ރަނގަޅުވުމާއެކު ބޯޓުތަކުގެ އޮޕަރޭޝަން އިތުރުކޮށް، ފުލް ކެޕޭސިޓީގައި ގެނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މަސް ކިރުވަން މަސްވެރިން އަންނައިރު ކުންފުނީގެ ހޮޓްލައިން ނަމްބަރު 798070 އަށް ގުޅާފައި އަންނަން އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭނާ ވިދާޅުވީ މި ދުވަސްވަރު މަސްވެރިން އައިސް އަޅައިގެން ދާން މިފްކޯ އިން އެދޭ ކަމަށެވެ.

"މިފްކޯވެސް މިހާރު އޮޕަރޭޝަން މި ދަނީ ފުލް ކެޕޭސިޓީގައި. އެހެންވެ އެދެން މަސް ތާޒާކޮށް ބެހެއްޓުމަށް އައިސް އަޅައިގެން އަންނަން،" އަދްލީ ވިދާޅުވި އެވެ.

އެ ކުންފުނީގެ ސީއީއޯ ރަމްޒީ ވިދާޅުވީ ރާއްޖޭން ބޭރަށް މަސް ގެންދިއުމުގެ އިންތިޒާމުވެސް ފުރިހަމައަށް ކޮށްފައިވާ ކަމަށެވެ،

"މަސް ގެންދާ ބޯޓު ފަހަރުތައް ވެސް ހުންނާނީ މިހާރު ޝެޑިއުލްކޮށްފަ. އެހެންވެ އިރާދުކުރެއްވިއްޔާ ފުލް އޮޕަރޭޝަން ކުރިއަށް އެބަދޭ،" ރަމްޒީ ވިދާޅުވި އެވެ.