ރާއްޖެއަށް އިންޑިއާއިން ދީފައިވާ އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރެއް ފޮނުވާލަން އުޅޭ ކަމަށް ފާއިތުވި ހަފުތާގައި ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެހަބަރާ ގުޅިގެން ސަރުކާރުގެ ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ބައެއްް ނޫސްތަކުން ބުނީ ހެލިކޮޕްޓަރު ފޮނުވާލަނީ އޭގެ ބަދަލުގައި ޑޯނިއާ މަތިންދާބޯޓެއް ގެންނަން ކަމަށެވެ. ނަމަވެސް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން މިއަދު ބުނީ މަތިންދާބޯޓު ދޭން ހުށަހެޅި ހުށަހެޅުންވެސް ސަރުކާރުން ބަލައިގެންފައި ނުވާ ކަމަށެވެ.
ނޫހުން ބުނީ ލ. އަތޮޅުގައި އޮޕަރޭޓް ކުރަމުން އަންނަ ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމުގެ އެއްބަސްވުން ވެސް މިހިނގާ އޭޕްރިލްމަހު ހަމަވާނެ ކަމަށާއި އެ އެއްބަސްވުން ވެސް ސަރުކާރުން އާ ނުކުރާ ކަމަށެވެ. އަދި ބުނީ ހޭންގަރެއް ބިނާކުރުމާއި މަތިންދާބޯޓު ރާއްޖެއަށް ފޮނުވުން މަޑުޖެހިފައި އޮތީ ރަސްމީކޮށް " ލެޓާ އޮފް އެކްސްޗޭންޗް" (އެލްއޯއީ) ގެ ޒަރިއްޔާއިން އެ ހުށަހެޅުން ބަލައިގަންނަންދެން ކަމަށެވެ.
"އެލްއޯއީގެ ތެރެއިން މާލޭގެ [ހުށަހެޅުން]ރަސްމީކޮށް ބަލައިގަތުމަކީ ހޭންގަރު ބިނާކުރުމާއި ޑޯނިއާ ފޮނުވުމުގެ ކަންތައް ފެށުމުގެެ ފުރަތަމަ ފިޔަވަޅު. އެކަމަކު އެމީހުން އިހުތިޔާރުކޮށްފައި ވަނީ އެ އެއްބަސްވުމުގެ މަތީގައި ދެ އަހަރުވަންދެން އިށީނދެ ތިބެން،" ނަން ނުޖަހަން ޝަރުތުކޮށް ޓައިމްސް އޮފް އިންޑިއާ ނޫހާ ވާހަކަދެއްކި އިންޑިއާގެ އޮފިޝަލު ބުނިކަމަށް އެނޫހުގެ ހަބަރުގައި ވެއެވެ.
ދިވެހި ސަރުކާރުން ބުނަމުން ދަނީ، ހެލިހޮޕްޓަރުތައް ފޮނުވާލަނީ އިންޑިއާ ސިފައިން އެކަނި އެ އޮޕަރޭޝަން ހިންގާތީ ކަމަށެވެ. އަދި އެ ހެލިކޮޕްޓަރުތަކާ އެކު އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖޭގައި ތިބޭނީ އެއީ ގައުމީ ސަލާމަތަށް ތްރެޓެއްގެ ގޮތުގައި ރާއްޖެއިން ބަލާ ކަމަށް ވެސް މީގެ ކުރިން ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓްގެ އެކެއް ފެބުރުއަރީގެ އަމުރަށް ތަބާނުވުމަށް، އެސްއޯއީ އިއުލާންކޮށް އުއްތަމަފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި ބައެއް ސިޔާސީ ފަރާތްތައް އެސްއޯއީގެ ދަށުން ހައްޔަރު ކުުރުމުން އިންޑިއާއިން ވަނީ އެސްއޯއީ އުވާލައި ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލައިފަ އެވެ. އަދި އެކަމާ ގުޅިގެން ރާއްޖެ-އިންޑިއާގެ ނުތަނަވަސްކަން އަނެއްކާ ވެސް ވަނީ ބޮޑުވެފަ އެވެ.