ދުނިޔެ

އަސަދުގެ ކެމިކަލް ހަމަލާއަށް ރައްދެއް؟

ސޫރިޔާގެ އިރުމަތީ ޣޫތާގެ ދޫމާ ނަމަކަށް ކިޔާ ސަރަހައްދަށް ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާގެ ސަބަބުން 150 އަށް ވުރެ ގިނަ މީހުންމަރުވިއެވެ. އެހަމަލާގެ ސަބަބުން ހިތްދަތިގޮތަކަށް މީހުންތައް މަރުވާ މަންޒަރާއި މަރުވެފައިވާ މީހުންގެ ހަށިތައް ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފައެވެ.

އެހަމަލާ ދިންތާ އެއް ދުވަސް ފަހުން އަސަދުގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އިއްޔެގައި ވަނީ ދީފައެވެ. ތިޔާސް އެއާބޭސް ނުވަފަ ޓީ4 އެއާބޭސް ނަމަކަށް ކިޔާ އެ މަރުކަޒަށް ދިން ހަމަލާއާ މެދު އަސަދު ސަރުކާރުގެ ނޫސް އެެޖެންސީން ފުރަތަމަ ބުނީ އެއީ އެމެރިކާއިން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެ ދަށުގައި އޮތް ދޫމާއަށް ދިން ހަމަލާގެ ޒިންމާ އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި އެ ސަރުކާރަށް ވާގިވެރިވާ ރަޝިޔާއާއި އީރާނުން ނުނަގައެވެ. ނަމަވެސް މަންޒަރު ދުށްމީހުންގެ ވާހަކަތަކުން އެހަމަލާއަކީ ސީދާ އަސަދުގެ ސިފައިން ދިން ހަމަލާއެއްކަންް ޔަގީންވެއެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ސެރިން ގޭހުގެ އެހަމަލާ ދިނީ ހެލިކޮޕްޓަރަކުން ވައްޓައިލި ބެރަލްބޮމެއްގެ ޒަރިއްޔާއިންނެވެ. އެއީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިިންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

ޓްރަމްޕްގެ އިންޒާރު

ކެމިކަލް ހަމަލާގެ މަންޒަރުތައްް އާއްމުވުމާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވީ އެހަމަލާއަށް " ބޮޑުއަގެއް ދައްކަން ޖެހޭނެ" ކަމަށެވެ. ހަމަލާދިން ސަރަހައްދަކީ މުޅިން ބަންދުކޮށްފައިވާ ސަރަހައްދެއްކަން ފާހަގަކުރައްވައި އަސަދަކީ ޖަނަވާރެއް ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި އޭނާއަށް މަދަދު ކުރުމުގެ ސަބަބުން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާއި އީރާނުން ހަމަލާގެ ޒިންމާ ނަގަން ޖެހޭނެކަމަށް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އޭގެ ފަހުން ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮންއާއި ޓްރަމްޕް ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ ހަމަލާއަށް ވަރުގަދަ ރައްދެއް ދެގައުމުން ގުޅިގެން ދޭނެ ކަމަށެވެ.

ނަމަވެސް އިއްޔެގައި ވައިގެ މަރުކަޒަށް ދިން ހަމަލާގެ ޒިންމާ އެމެރިކާއަކުން ނޫފުލައެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނީ ސޫރިޔާއަށް އެމެރިކާއިން މިހާރު ވައިގެ ހަމަލާ ދެމުން ނުދާ ކަމަށެވެ. ނަމަވެސް މިދިޔަ 2017 ވަނަ އަހަރު އަސަދުގެ ސިފައިން ދިން ކެމިކަލް ހަމަލާއަކަށް ރައްދު ދިނުމަށް އެމެރިކާއިން ކްރޫޒް މިސައިލް ހަމަލާތަކެއް ދިނެވެ. އެހަމަލާތައް އަމާޒުކުރީ ކެމިކަލް ހަމަލާދިން މަތިންދާބޯޓުތައް އުދުއްދި ވައިގެ މަރުކަަޒަށެވެ.