ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމްބަސީއެއް ރާއްޖޭގައި އަޅަން ނިންމައިފި އެވެ.
ޚަލީޖު ޓައިމްސް ނޫހުންް އިއްޔެ ބުނީ ރާއްޖޭގައި އެމްބަސީ އަޅަން އިއްޔެގައި ބޭއްވި ކެބިނެޓްގެ ބައްދަލުުވުމުގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެމްބަސީ ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގެ އެވެ. ޚަލީޖް ޓައިމްސް އިން އެ ވާހަކަ ގެނެސް ދިނީ އިއްޔެގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ހަބަރުގެ ތެރޭގަ އެވެ.
ޔޫއޭއީއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިންް ރާއްޖެއަށް އެންމެ ގިނައިން އެހީދޭ އެއް ގައުމެވެ. އެގޮތުން ސައުދީ އަރަބިއްޔާ އާއި ޔޫއޭއީން ރާއްޖެއަށް 160 މިލިޔަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް މިދިޔަ ފެބްރުއަރީ މަހު ވެސް ސަރުކާރުން ބުންޏެވެ. ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ މަންދޫބެއްގެ ހައިސިއްޔަތުން އޭރުގައި ގައުމުތަކަށް ދަތުރު ކުރައްވަމުން ގެންދެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ޔޫއޭއީން ރާއްޖެއަށް އެހީވާނެ ދާއިރާތަކުގެ ތެރޭގައި އެއާޕޯޓްގެ ތަރައްގީ އާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީ ހިމެނޭ ކަމަށެވެ.
މިދިޔަ ޑިސެމްބަރުމަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ހެނބަދޫ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ މާފަރުގައި އަޅަނީ އިންޓަނޭޝަނަލެއް އެއާޕޯޓެއް ކަމަށާއި އެ މަސައްކަތް ކުރަނީ ޔޫއޭއިންކަން ރައީސް އެންމެ ފުރަތަމަ ހާމަކުރެއްވީ، ނ. މާފަރުގައި އަޅާ އެއާޕޯޓަކީ ޔޫއޭއީއިން ރާއްޖޭގެ ރައްޔިތުންނަށްދޭ ހަދިޔާއެއް ކަމަށެވެ.
ޔޫއޭއީގެ 46 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ހިޒް ރޯޔަލް ހައިނަސް، ޝެއިހް ހަލީފާ ބިން ޒައިދު އައްނަޙްޔާނަށާއި ނައިބު ރައީސްގެ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު އައްނަޙްޔާނަށް ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ރައީސް ވިދާޅުވީ ރާއްޖެއާ ޔޫއޭއީއާ ދެމެދު އޮންނަ ގުޅުން އާ ހަރުފަތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ.