ދުނިޔެ

ކަންކަން ހުރި ގޮތުން ސާކާއެކު ކުރިއަކަށް ނުދެވޭނެ: އިންޑިއާ

މިހާރު ކަންތައްތައް ހުރި ގޮތުންް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އާ އެކު ކުރިއަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިންޑިއާއިން ބުނެފި އެވެ. ނަމަވެސް އެ ޖަމާއަތުން ވަކިވާން އުޅޭކަމެއް ނުވަތަ ނޫން ކަމެއް ނުބުނެ އެވެ.

ސާކާ މެދު އޮތް ކަންބޮޑުވުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ފާޅު ކުރެއްވީ ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި މަޝްވަރާތަކުގަ އެވެ. އެ މަޝްވަރާތަކުގައި އޯލީ އަރިހު މޯދީ ވިދާޅުވީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި ސާކް ސަމިޓުގައި ބައިވެރިވަޑައިގެންނެވީ ވަރަށް ޝައުގުވެރިކަމާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ކަންތައްތައް ހުރި ގޮތުން ސާކާއެކު ކުރިއަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސާކްގެ އިސްވެރިންގެ ސަމިޓް އެންމެ ފަހުން ބޭއްވީ ކަތުމަަންޑޫގައި 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން 2016 ވަނަ އަރުގެ ސަމިޓް ބާއްވަން ނިންމާފައި އޮތީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގަ އެވެ. އެ ސަމިޓު ނުބޭއްވުނީ އިންޑިއިންނާއި އެ ގައުމުގެ ނުފޫޒުފޯރާ ބައެއް ގައުމުތަކުން ސަމިޓު ބޮއިކޮޓް ކުރުމުންނެވެ. އިންޑިއާއިން ސަމިޓް ބޮއިކޮޓް ކުރީ ކަޝްމީރުގެ އިންޑިއާ ފަޅީގައިވާ އޫރީ ނަމަކަށް ކިޔާ ރަށުގައިވާ އިންޑިއާ ސިފައިންގެ މަރުކަޒަކަށް ބަޔަކު ދިން ހަމަލާއަކާ ގުޅުވައިގެންނެވެ. އެ ހަމަލާގެ ޒިންމާ އިންޑިއާއިން އެޅުވީ ޕާކިސްތާނުގެ ބޮލުގަ އެވެ.

އިންޑިއާއާއެކު ސަމިޓް ބޮއިކޮޓްކުރި ގައުމުތަކަކީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި އަފްޣާނިސްތާނެވެ.

"ބޮޑުވަޒީރު [މޯދީ] ވިދާޅުވި ކަތުމަންޑޫ ސަމިޓުގައި ބައިވެރިވަޑައިގެންނެވީ ވަރަށް ޝައުގުވެރިކަމާ އެކީގައި ކަމަށް. އެކަމަކު ބޯޑަރު ހުރަސްކޮށް ޓެރަރިސްޓް ހަމަލާދޭ ، މިފަދަ ހާލަތެއް އޮއްވައި އަދި ހަމަޖެހުން ނަގާލާ މިފަދަ ބާރެއް އޮއްވައި މިކަހަލަ އިނިޝޭޓިވްއަކާ އެއްކޮށް ކުރިއަށް ވަޑައިގެންނެވުމަކީ ދަތިކަމެއް ކަމަށް،" އޯލީއާއި މޯދީގެ ބައްދަލުވުމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކާލީ ހޮނިހިރު ދުވަހު ވިދާޅުވިއެވެ.

ސާކާއެކު ކުރިއަށް ވަޑައި ނުގެންނެވޭނެ ކަމަށް މޯދީ ވިދާޅުވި ބައްދަލުވުމުގައި ނޭޕާލުގެ ބޮޑުވަޒީރު އޯލީ ވިދާޅުވީ ބޭ އޮފް ބެންގާލް އިނިޝޭޓިވް ފޯ މަލްޓި ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (ބިމްސްޓެކް)ގެ ސަމިޓެއް މިއަހަރު ބާއްވަވަން އެދިވަަޑައިގަންނަވާ ކަމަށެވެ. އެ ޖަމާއަތަކީ ޕާކިސްތާނު ބައިވެރިވާ ޖަމާއަތެއް ނޫނެވެ.