ދުނިޔެ

ޓްރްމްޕްގެ ވަކީލުގެ އޮފީސް އެފްބީއައި އިން ބަލައިފާސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ވަކީލެއް އަދި އޭނާގެ އަރިސް ބޭފުޅެއް ކަމަށްވާ މައިކަލް ކޯހެންގެ އޮފީހެއް އެގައުމުގެ ތަހުގީގީ އިދާރާ ،ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބަލައި ފާސްކޮށްފި އެވެ.

އެފްބީއައި އިން ހިންްގި އެ އޮޕަރޭޝަނުގެ މައުލޫމާތު ލިބިހުރި މަސްދަރަކާ ހަވާލާދީ ސީއެންއެންބުނީ ކޯހެންގެ އޮފީހުން ގެންދިޔަ ލިޔެކިއުންތަކުގެ ތެރޭގައި ޓްރަމްޕާ ނަހަމަގުޅުމެއް ހިންގިކަމަށް ބުނާ ސްޓެފަނީ ކްލިފޯޑް، މަޝްހޫރު ނަމުން ނަމަ ސްޓޯމީ ޑެނިއަލްސްއާ ގުޅުން ހުރި ،ލިޔެކިއުންތަކެއް ހިމެނޭ ކަމަށެވެ. އެހެން ބައެއް މަސްދަރުތަކުން ސީއެންއެންއަށް ބުނެފައިވާ ގޮތުގައި އެފްބީއައިގެ އޮޕަރޭޝަނުގައި ކޯހެންގެ އޮފީހުން ވަރަށް ގިނަ ތަކެތި ގެންދިޔަ އެވެ. އެގޮތުން ގެންދިޔަ ލިޔެކިއުންތަކުގެ ތެރޭގައި ބޭންކް ރެކޯޑްތައް ހިމެނޭ ކަމަށް ވެސް ބައެއް މަސްދަރުތަކުން ބުނެފައި ވެއެވެ.

ކޯހެންގެ އޮފީސް ބަލައި ފާސްކުރުމުން ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެ، އެފްބީއައި އަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް އެ އޮޕަރޭޝަން ސިފަކުރެއްވީ "ލަދުވެތި ހާލަތެއް" އަދި "ގައުމަށް ދިން ހަމަލާއެއް"ގެ ގޮތުގަ އެވެ.

ބައެއް މީޑިއާތަކުން ބުނީ އެފްބީއައިގެ އޮޕަރޭޝަނުގައި ކޯހެންގެ އޮފީހުގެ އިތުރުން އޭނާ މިހާރު ހުންނަ ހޮޓަލާއި އޭނާގެ ގެވެސް ބަލައި ފާސްކުރި ކަމަށެވެ.

ކޯހެންގެ އޮފީހާއި ގެ ބަލައި ފާސްކުރީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒުފޯރުވިކަމަށް ބުނާ މައްސަލަ ބަލަން އައްޔަންކޮށްފައިވާ ސްޕެޝަން ކައުންސެލް ރޮބަޓް މިއުލާ ހިންގަވާ ތަހުގީގުގެ ބައެއްގެ ގޮތުގައި ކަމަށެވެ. މިއުލާއަށް ޓްރަމްޕްގެ ރުޅިގަނޑު އަމާޒުވެފައިވާތާ ދުސްތަކެއް ވެއްޖެ އެވެ. އެހެންވެ އިއްޔެ ހިންގި އޮޕަރޭޝަނަކީ ރަތްރޮނގެއް ހުރަސް ކުރުން ކަމަށް ސީއެންއެންއާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނެފައި ވެއެވެ. އޭނާއާ ދެކޮޅަށް ޓްރަމްޕް މިފަހަރު ފިޔަވަޅު އަޅުއްވާނެ ކަމަށް ބެލެވެއެވެ.